ސަރުކާރުގެ އޮފީސްތަކުގައި ތިބި މުވައްޒަފުންގެ އަދަދު ބަލައި، އިތުރުވެފައިވާ ތަންތަނުން މަދު ތަންތަނަށް މުވައްޒަފުން ބަދަލުކުރުމަށް އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަން ގުޅިގެން ކުރިއަށް ގެންދާ މި އޮޑިޓަށް ފަހު، މުވައްޒަފުން އެންމެ ބޭނުންވެފައިވާ ތަންތަނަށް މުވައްޒަފުން އަލުން ބަދަލުކުރެވޭނެ ކަމަށެވެ.
މިއީ ދައުލަތުގެ ހަރަދުކުޑަކުރުމަށްޓަކައި އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި އޮޑިޓްގައި ސަރުކާރުގެ އިދާރާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނަށް ހަގީގަތުގައިވެސް ބޭނުންވާ އަދަދަށްތޯ ބަލާނެކަމަށެވެ. ދިވެހިރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު 34,000 އިން މައްޗަށް އަރާފައިވާއިރު މިނިސްޓަރު ވިދާޅުވީ ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގައި ނުވަތަ ރިޕްލޭސްމެންޓްތައް ނެގޭނީ ކޮންމެހެން ބޭނުންވެގެން އެކަނި ކަމަށެވެ.
އަންނަ އަހަރަށް ސަރުކާރުން އަލަށް އެއްވެސް މަގާމެއް ނުއުފެއްދުމަށް ނިންމާފައިވާއިރު މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި މާލީ އަދި އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ނިންމަވާފައިވާ ނިންމެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
