އެއްވެސް އިންސާނަކީ އޭނާއާމެދު ތަގުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމައުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ގަދަރުކުރާ މުޖުތަމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް 2026" ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާއަށް އެކަމަނާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ.
މި ހަފުލާގައި ރިވެލި އެވޯޑު ހާސިލުކުރި 8 ފަރާތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އެއަށްފަހު އެވޯޑު ހާސިލްކުރެއްވޮ ފަރާތްތަކާ މުހާތަބު ކުރައްވައި އެކަމަނާ ވިދާޅުވީ، އެ ބޭފުޅުންނަކީ އާދަޔާ ހިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމައުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށެވެ. އަދި އެ ފަރާތްތައް އެ ދައްކުވައިދެނީ އަޒުމާއި ސާބިތުކަމުގެ މުހިންމުކަން ކަމަށާއި، މުޖުތަމައުގެ ނިޒާމުތައް ބައްޓަންވާންވާނީ ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންވާ ގޮތަށް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ކުރިއަށް ގެންދަވަމުން މެޑަމް ސާޖިދާ ވަނީ ކީރިތި ގުރްއާނުގެ އަބަސަ ސޫރަތުގައި ބަޔާންވެގެންވާ ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިހްސާސްތަކަށް އިހްތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެއްކަން އެ ހާދިސާއިން ސާފުވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މާޒީގައި ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމައުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އެފަރާތްތަކުގެ ހުނަރުތައް އާންމުކުރުމަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ބަޔާންކުރެއްވިއެވެ.
މި ހަފުލާގައި ރިވެލި އެވޯޑު ހާސިލުކުރެއްވި އަށް ބޭފުޅުންނާއި، 'ސްޕެޝަލް ރިކޮގްނިޝަން ޓޯކަން' ހާސިލުކުރެއްވި ފަރާތާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
