ރާއްޖޭގައި ފުޅާވަމުން އަންނަ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ހިންގަން ފަށައި، ވިޔަފާރިވެރިންނާއި ގެދޮރު ގަންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ މަގުސަދުގައި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކާ ވިޔަފާރިތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓައި، ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ކުރިން ދިމާވެފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ, ޕްރޮޖެކްޓްތައް ލަސްވުމުގެ ސަބަބުން ގެދޮރު ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ލިބޭ ގެއްލުންތަކުން އަރުވައިގަތުމަށް ބަދަލު ހޯދައިދޭނެ އުސޫލުތަކެއް މި ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޑިވެލޮޕަރުންނާއި ޔުނިޓްތައް ގަންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް ހާމަކަން ބޮޑު ގޮތަކަށް ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން މަޝްރޫއުތަކާ ގުޅޭގޮތުން އަންނަ ޝަކުވާތައް ފަސޭހައިން ހުށަހަޅައި، އަވަސް ހައްލެއް ލިބޭނެ މަގު ފަހިވެގެން ދާނެއެވެ.

މި ބިލުގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުހިންމު މާއްދާތަކުގެ ތެރޭގައި ބަނގުރަލާއި އޫރުމަސް މަނާވާނެއެވެ. މި މާއްދާގެ ދަށުން ކަނޑައަޅާ ޒޯނުގައި ތަރައްގީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުންކުރުމަށް ހުއްދަ ލިބިގެންނުވެއެވެ.

މީގެ އިތުރުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮން ކަނޑައަޅާ ސަރަހައްދެއް މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މިފަދަ ޒޯނެއްގެ ތެރޭގައި ހިންގާ އެންމެހައި ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައި ބެލެވޭނެއެވެ. އަދި އެ މުދަލާއި ހިދުމަތުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާއިން ޓެކްސް ނަގާ ރޭޓުގައެވެ.

ޒޯނެއްގައިވާ ޕްރޮޕަޓީއެއް ގާނޫނުގައިވާ ގޮތުގެމަތިން ގަތުމަކުން، އެ ޕްރޮޕަޓީއެއް ގަންނަ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަށްވުމުގެ އެއްވެސް ހައްގެއް ލިބިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އިޒްރާއިލް ރައްޔިތުންނަށް، ނުވަތަ އެފަދަ ފަރާތެއްގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް އޮންނަ ގާނޫނީ ޝަހްސަކަށް، ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެއެވެ. އަދި ބިމެއް ސަބްލީސްވެސް ނުކުރެވޭނެއެވެ.

މި ޒޯނުގައިވާ ބިންތައް އެއް ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް ނުވަތަ އެ ގައުމެއްގެ ކޮންޓްރޯލް އޮންނަ ޝަހްސުތަކަށް ރަޖިސްޓްރީ ކޮށްދޭންވާނީ ޖުމްލަ ބިންތަކުގެ ނިސްބަތް 25 ޕަސެންޓަށްވުރެ އިތުރުނުވާ ގޮތުގެ މަތިންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޒޯނުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންނެވެ.

މީގެ އިތުރުން މާސްޓާ ޑިވެލޮޕަރުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ އަދި ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުންވާފަދަ އެއްވެސް ކަމެއްކޮށްގެން ނުވާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ގާއިމުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއި، އިހްތިފާލު ބޭއްވުމާއި، އަޅުކަންކުރާ ތަންތަން ހެދުން ފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެއެވެ.

މި ބިލު ގާނޫނަކަށް ވެގެންދިޔުމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މާރުކޭޓާއި ބޮޑެތި އިންވެސްޓްމަންޓް މަޝްރޫއުތަކަށް އަންނާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ.