ދިވެހިރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށާއި، އެކަމާ ދެކޮޅު ހަދާ ބަޔަކު ތިބި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ފުރަތަމަ ކިޔުން އިއްވާ ހަތަރު ބިލުގެ ތެރޭގައި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒު ކުރުމާ ބެހޭ ބިލު ހިމެނޭ ކަމަށެވެ. އަދި ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ތަންފީޒުކުރަން ބޭނުންނުވެފައި އޮތް ނަމަވެސް، ޝަރުއީ ތިން މަރުހަލާ ފުރިހަމަވެ މަރުގެ އަދަބު ކަނޑައެޅިފައިވާ މީހުންނަށް އެ އަދަބު ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، އިސްލާމްދީނުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ ބަޔަކަށް ދިވެހިން ވާންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބިލުގައި މައިގަނޑު ދެ ކަމެއް ހިމެނެއެވެ. އެއީ ގިސާސް ހިފުމާއި، ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ޑްރަގް ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމެވެ.

މީގެ ތެރެއިން ގިސާސް ހިފުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 178 އަދި 179 ވަނަ އާޔަތުގެ މާނަ ވިދާޅުވެދެއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގިސާސް ހިފުމަކީ މަރާލެވޭ މީހުންނާ މެދު ކަނޑައަޅުއްވާފައިވާ ފަރުޟެއް ކަމަށާއި، އެކަމުގައި ދިރުމެއް ވާކަން މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ. އަދި ގިސާސް ހިފުމަކީ ފުރާނަތައް ސަލާމަތް ކުރުމަށް މަގުފަހިވާ ސަބަބެއް ކަމަށާއި، އޭގެ ސަބަބުން މީހުން މެރުމާއި އަނިޔާވެރިވުމުން ކުށްވެރިން ދުރުހެލިކޮށް، މުޖުތަމައުގައި އަމާންކަމާއި ރައްކާތެރިކަން ގާއިމުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައި ވަނީ އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ކަމަށެވެ. އަދި މި ބިލުގައި ދެފަރާތުގެ ވެސް ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ ހަރުދަނާ އިޖުރާއަތްތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި، ކޯޓުތަކުގެ ތިން މަރުހަލާ ނިމި، މައާފު ދިނުމާ ގުޅޭގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބެލޭނެ އިންތިޒާމު އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ހަމަޖެހިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ ކަމާގުޅޭ އުސޫލުތަކަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ހައްގުތައް ވެސް ރައްކާތެރިކުރެވޭނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. މި ބިލުގައި މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ކޯޓުތަކުން އަމަލުކުރަންޖެހޭ ގޮތްތަކުގެ އިތުރުން، ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތައް ވަނީ ތަފްސީލުކޮށްފައެވެ.

މީގެއިތުރުން، އަދަބު ތަންފީޒުކުރުން މަނާވާ ހާލަތްތަކާއި، މަރުގެ އަދަބު ކަނޑައެޅުމުގައި ވާރިސުންގެ އެއްބަސްވުން ހޯދުމާއި، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް އަދުލުވެރިކަމާއެކު ނިންމުމުގެ އިތުރުން، ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުން ފަދަ މުހިންމު ޝަރުތުތަކާއި އުސޫލުތައް މި ބިލުގައި ވަނީ އެކުލަވާލާފައެވެ.