އިންޑިއާގެ ސިނަމާގެ މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރު (75 އަހަރު) ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ނާނާ ޕަޓޭކަރު މަރުވީ ގޯއާގައި ހުންނަ އޭނާގެ ގޭގައި ހުއްޠާ ހާޓް އެޓޭކެއް ޖެހިގެންނެވެ. ހޮސްޕިޓަލަށް ގެންގޮސްގެން ޑޮކްޓަރުން 45 މިނެޓު ވަންދެން ސީޕީއާރު ދީގެން ފަރުވާ ދިން ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތްވެފައި ނުވާކަމަށް އާއިލާއާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ނާނާ ޕަޓޭކަރު މަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. މޯދީ ކުރެއްވީ އެކްސް (ޓްވިޓާ) ޕޯސްޓެއްގައި ވިދާޅުވީ، ނާނާ ޕަޓޭކަރަކީ އޭނާ ކުޅުނު ކޮންމެ ރޯލަކަށްވެސް ތަފާތު މޮޅު ކަމެއް ދެއްކި އަދި އެތައް ޖީލަކަށް ހަނދާން ހުންނާނެ ފަދަ ކެރެކްޓާތަކެއް އުފެއްދެވި ކުޅަދާނަ ފަންނާނެއް ކަމަށެވެ. އަދި ހިންދީ އާއި މަރާޓީ ސިނަމާއަށް އޭނާ ކޮށްދިން ހިދުމަތްތަކަކީ އަގުނުކުރެވޭނެ ފަދަ ހިދުމަތްތަކެއް ކަމަށާއި، އޭނާ ވަކިވެދިއުމަކީ ފޫނުބެއްދޭނެ ބޮޑު އުނިއެއް ކަމަށް މޯދީ ވިދާޅުވިއެވެ.

މީގެއިތުރުން، އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތު، އުއްތަރާކަންޑްގެ ޗީފް މިނިސްޓަރު ޕުޝްކަރު ސިންގް ދާމީ އަދި ސިޔާސީ އާއި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުން އަންނަނީ ނާނާ ޕަޓޭކަރުގެ ކުއްލި ވަކިވުމުގެ ހިތާމަ ފާޅުކުރަމުންނެވެ.

1978 ވަނަ އަހަރު "ގަމަން" ފިލްމުން އެކްޓިން ދާއިރާއަށް ނުކުތް ނާނާ ޕަޓޭކަރު ވަނީ "ޕަރިންދާ"، "ކްރާންތީވީރު"، "ތިރަންގާ"، "ހާމޯޝީ" އަދި "އަބް ތަކް ޗައްޕަން" ފަދަ ގިނަ މަގުބޫލު ފިލްމުތަކެއްގައި ހިތްގައިމު އަދި ވަރުގަދަ އެކްޓިންއެއް ދައްކުވައިދީފައެވެ.