ބޮމްބޭ ހައިކޯޓުން މިގޮތަށް އެންގީ، ދިޝާގެ މަރަކީ އަމިއްލައަށް މަރުވުމެއް ނޫން ކަމަށާއި، އެއީ ރޭވިގެން ހިންގާފައިވާ ގަތުލެއް ކަމަށް އޭނާގެ ބައްޕަ ތުހުމަތުކުރުމާ ގުޅިގެންނެވެ.
އިންޑިއާގެ ބޮލީވުޑް ތަރިންގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 28 އަހަރުގެ ދިޝާ ސާލިއަން 2020 ވަނަ އަހަރު މަރުވި މައްސަލަ އަލުން ތަހުގީގުކުރުމަށް، އިންޑިއާގެ ފެޑެރަލް ފުލުހުން ކަމަށްވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ބޮމްބޭ ހައިކޯޓުން އަންގައިފިއެވެ.
މި މަހުގެ ދެވަނަ ދުވަހު ބޮމްބޭ ހައިކޯޓުގެ ފަނޑިޔާރު ސާރަންގް ވީ ކޮޓްވާލް އަދި ފަނޑިޔާރު ރަންޖިތްސިންހާ ރާޖާ ބޯންސާލޭ މި އަމުރު ނެރުއްވީ، ދިޝާގެ ބައްޕަ ސަތީޝް ސާލިއަން މިދިޔަ އަހަރު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ދިޝާގެ މަރަކީ އަމިއްލައަށް މަރުވުމެއް ނޫން ކަމަށާއި، އެއީ ރޭވިގެން ހިންގާފައިވާ ގޭންގް-ރޭޕް އަދި ގަތުލެއް ކަމަށް ސަތީޝް އަންނަނީ މައްސަލައިގެ ކުރީކޮޅުން ފެށިގެން ތުހުމަތުކުރަމުންނެވެ.
ކޯޓުގެ އަމުރުގައި މުމްބާއީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، ހަ އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި ފުށުއަރާ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އަދި ފުލުހުންގެ ތަހުގީގުން ޖަވާބު ލިބުމަށް ވުރެ ގިނައިން އުފެދެނީ ސުވާލު ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވިއެވެ. މީގެ އިތުރުން، ލިޔެކިޔުންތައް ފުރިހަމަކުރުމުގައި ލަސްތަކެއް ހުރި ކަމަށާއި، ދިޝާ ވެއްޓުނު ތަނުގައި އެއްވެސް ވަރަކަށް ލޭ ނެތް ކަމަށާއި، ޕޯސްޓްމޯޓަމް ރިޕޯޓުގައި ހުރި އަނިޔާތަކަކީ މަތިން ވެއްޓިގެން ލިބޭނެ ފަދަ އަނިޔާތަކެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
ކޯޓުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ، ފުލުހުން މި މައްސަލަ ތަހުގީގުކޮށްފައިވަނީ ހަމައެކަނި ގުދުރަތީ ނޫން މަރެއްގެ ގޮތުގައި ކަމަށް ވުމެވެ. އަދި ޖިނާއީ ކުށެއްގެ މައުލޫމާތު ލިބުމުން ފުލުހުން ތައްޔާރުކުރަންޖެހޭ ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރު) ވެސް ފުލުހުން ތައްޔާރުކޮށްފައި ނުވާކަން ކޯޓުން ފާހަގަކުރިއެވެ. ނަމަވެސް، ސަތީޝް ލިޔުމުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ސީބީއައިއިން މިހާރު ވަނީ އެފްއައިއާރެއް ރަޖިސްޓްރީކޮށް، އާ ތަހުގީގެއް ފަށާފައެވެ.
ދިޝާ އެންމެ ފަހުން އޭނާގެ އާއިލާއަށް ފެނިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ ގެއިން ނުކުމެގެން ދިޔައީ އިޝްތިހާރެއްގެ ޝޫޓިންއަކަށް ދިއުމަށެވެ. އޭގެ ފަހުން، ޖޫން އަށްވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ފުލުހުން ސަތީޝްއަށް ގުޅައި، އޭނާގެ ހަމައެކަނި ހުރި ދަރިފުޅު މަރުވެފައިވާކަން އެންގިއެވެ. ފުލުހުން އޭރު ބުނި ގޮތުގައި ދިޝާ މަރުވީ މުމްބާއީގައި ހުރި 12 ބުރީގެ އިމާރާތަކުން ވެއްޓިގެންނެވެ. ދިޝާގެ ރައްޓެހިންނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ވެއްޓުނީ އޮޅިގެން ކަމަށެވެ. އަދި ފަހުން ފުލުހުން ބުނީ އެއީ އަމިއްލައަށް މަރުވި މަރެއް ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ.
ސީބީއައިގައި ސަތީޝް ރަޖިސްޓްރީކުރި އެފްއައިއާރުގައި އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި، ބައެއް އިސް ފުލުހުން ވަނީ ހެކި ނައްތާލައި، އަމިއްލައަށް މަރުވި ކަމުގެ ދޮގު ވާހަކައެއް އުފައްދާފައެވެ. އޭނާ ބުނާ ގޮތުގައި މިކަން ކޮށްފައިވަނީ މި ޖަރީމާގައި ބައިވެރިވާ ބައެއް ވަޒީރުންނާއި ނުފޫޒުގަދަ ސިޔާސީ ފަރާތްތައް ހިމާޔަތްކުރުމަށެވެ. މީގެ އިތުރުން، ދިޝާގެ މަރާއި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅުމެއްވާ ކަމަށް ވެސް ސަތީޝް ތުހުމަތުކުރެއެވެ.
ދިޝާ މަސައްކަތްކުރަމުން ދިޔައީ ސެލެބްރިޓީން މެނޭޖްކުރާ ކުންފުންޏެއް ކަމަށްވާ ކުއާން އެންޓަޓެއިންމަންޓްގައެވެ. އަދި އޭނާއަކީ ސުޝާންތުގެ މެނޭޖަރު ވެސް މެއެވެ. ކޯޓު އަމުރުގައި ސަތީޝްގެ ތުހުމަތުތައް ހުލާސާކޮށްދެމުން ބުނެފައިވަނީ، ކުރީގެ ވަޒީރަކާއި އިތުރު ބަޔަކު ހިމެނޭ ގޮތަށް ހިންގަމުންދިޔަ މަސްތުވާތަކެތީގެ ވިޔަފާރިއާއި ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތަކެއްގެ މައުލޫމާތު ދިޝާއަށް އެނގުނު ކަމަށެވެ. އަދި އެ މައުލޫމާތު ދިޝާ ސުޝާންތާ ހިއްސާކުރި ކަމަށާއި، އެ ދެ މީހުން ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެކަންކަން އާންމުކުރަން ރޭވި ކަމަށް ސަތީޝް ބުނެފައިވެއެވެ. އެކަން ހުއްޓުވުމަށްޓަކައި ރޭވިގެން ހިންގި ޖަރީމާއެއްގެ ތެރެއިން ދިޝާ ރޭޕްކޮށް މަރާލީ ކަމަށް އެފްއައިއާރުގައި ތުހުމަތުކޮށްފައިވެއެވެ.
ދިޝާގެ މަރާ ގުޅިގެން ސުޝާންތު އޭނާގެ އިންސްޓަގްރާމްގައި ހިތާމަފާޅުކޮށްފައިވެއެވެ. ނަމަވެސް، ދިޝާ މަރުވިތާ ހަފްތާއެއް ނުވަނީސް ސުޝާންތު ވެސް އޭނާގެ ގޭގައި މަރުވެފައި އޮއްވާ ފެނުނެވެ. ފުލުހުން އޭރު ނިންމީ ސުޝާންތު ވެސް އަމިއްލައަށް މަރުވީ ކަމަށެވެ. އަދި އޭނާ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރުކުރި ނަމަވެސް، ފަހުން ސީބީއައިއިން ވަނީ އެ މައްސަލަ ތަހުގީގުކުރުމަށްފަހު، ސުޝާންތު މަރުވީ އަމިއްލައަށް ކަމަށާއި އެކަމުގައި ރިއާގެ އާއިލާގެ އެއްވެސް ދައުރެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ފައިލްކޮށްފައެވެ.
ދިޝާގެ މައްސަލައިގައި އަލަށް ރަޖިސްޓްރީކުރި އެފްއައިއާރާ ގުޅިގެން ކޯޓުން ބުނެފައިވަނީ، އެފްއައިއާރެއް ރަޖިސްޓްރީކުރުމަކީ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވުން ނޫން ކަމަށެވެ. އަދި ތަހުގީގުކުރާ އޮފިސަރަށް އެކަށީގެންވާ ޝައްކެއް އުފެދޭ ވަރުގެ ހެކި ނުލިބޭހާ ހިނދަކު އެއްވެސް މީހަކީ ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ ގޮތުގައި ނުބެލުމަށް ކޯޓުން އަންގާފައިވެއެވެ.
މި މައްސަލައިގައި އިންސާފު ހޯދުމަށް ހަ އަހަރު ވަންދެން މަސައްކަތްކުރަމުން އަންނަ ސަތީޝް ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ކޯޓުގެ ނިންމުމާއެކު އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. ދިޝާއަކީ ވަރަށް ކިޔަވާހިތްވާ، އަދި އެހެން މީހުންނަށް އެހީތެރިވާ ރަނގަޅު ކުއްޖެއް ކަމަށް އޭނާ ބުންޏެވެ. އަދި ދިޝާގެ މަރާ ގުޅިގެން އޭނާގެ އަންހެނުން ޑިޕްރެޝަނަށް ގޮސްފައިވާ ކަމަށް ވެސް ސަތީޝް ފާހަގަކުރިއެވެ. ސަތީޝް ބުނި ގޮތުގައި އޭނާ ބޭނުންވަނީ އޭނާގެ ދަރިފުޅަށް އަނިޔާދިން މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ.
