އިންޑިއާގެ ޕަންޖާބު ސްޓޭޓުގައި 1980 ގެ އަހަރުތަކާއި 1990 ގެ އަހަރުތަކުގެ ކުރީކޮޅު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި މަރާލާފައިވާ މީހުންގެ އަދަދުތައް ހޯދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރި އެކްޓިވިސްޓެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެއް އިންޑިއާ ސަރުކާރުން މަނާކޮށްފިއެވެ. "ސަތުލުޖް" ގެ ނަން ދީފައިވާ މި ފިލްމު މަނާކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވެ، އިންޑިއާގެ ސިޔާދަތާ ފުށުއަރާ ކަމަށް ބުނެއެވެ.

މި ފިލްމަކީ ޖަސްވަންތު ސިންގް ހާލްރާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ 163 މިނެޓުގެ ބަޔޮޕިކެކެވެ. އޭނާއަކީ ޕަންޖާބުގެ އަމްރިތްސަރުގެ ބޭންކެއްގައި ވަޒީފާއަދާކުރަމުން ދިޔަ މީހެކެވެ. އޭނާގެ ރައްޓެއްސަކާއި އެ ރައްޓެހިމީހާގެ މަންމަ ގެއްލުނު މައްސަލަ ތަހުގީގު ކުރަން ފެށުމުން، އެފަދަ އެތައް ހާސް ބަޔަކު ގެއްލިފައިވާކަން އޭނާއަށް ހޯދުނު ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. ހާލްރާގެ ހޯދުންތަކުން ދައްކާ ގޮތުގައި، އިންޑިއާގެ ފުލުހުން ވަނީ އާއިލާތަކަށް އެންގުމަކާ ނުލައި އަދި ރަސްމީ ރެކޯޑެއްވެސް ނުބަލަހައްޓައި ގާތްގަނޑަކަށް 25،000 މީހުން ސިއްރުން އަންދާލާފައެވެ.

މި ފިލްމު އެންމެ ފުރަތަމަ އުފެއްދީ "ޕަންޖާބު 95" ގެ ނަމުގައެވެ. ނަމަވެސް އިންޑިއާގެ ސެންސަރު ބޯޑުން ވަނީ ތިން އަހަރު ވަންދެން ފިލްމު ނެރުނު ނުދީ ހިފަހައްޓާފައެވެ. ސެންސަރު ބޯޑުން އެންގީ ފިލްމުގެ ނަން ބަދަލުކުރުމަށާއި، ފިލްމުގެ 130 ތަނެއް ކަނޑާލުމަށްފަހު ނޫނީ ސިނަމާތަކުގައި ނޭޅުވޭނެ ކަމަށެވެ. ފިލްމު އުފެއްދި ފަރާތްތަކުން އެ ބަދަލުތައް ގެންނަން ދެކޮޅު ހެދުމަށްފަހު، މި މަހުގެ 3 ވަނަ ދުވަހު ޒީފައިވް ސްޓްރީމިން ޕްލެޓްފޯމުގައި ފިލްމު ނެރުނެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ 48 ގަޑިއިރު ފަހުން ޕްލެޓްފޯމުން ފިލްމު ވަނީ ނަގާފައެވެ. ޒީފައިވް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ހިނގަމުންދާ ކަންތައްތަކަކާ ގުޅިގެން ވަކި ގޮތެއް އަންގަންދެން އިންޑިއާގައި ފިލްމު ނުފެންނާނެ ކަމަށެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒީފައިވް އިން ފިލްމު މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީން ނިންމާފައިވަނީ ފިލްމު މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަށާއި، އެ ފިލްމަކީ އިންޑިއާގެ ސިޔާދަތާ ފުށުއަރާ ފިލްމެއް ކަމަށެވެ.

ފިލްމު އެމީހެއްގެ މައްޗަށް ބިނާވެފައި ވާ ހާލްރާގެ މަސައްކަތްތައް ހުއްޓާލުމަށް އިންޒާރުތައް ލިބެމުންދިޔަ ނަމަވެސް އޭނާ އެކަން ހުއްޓައެއް ނުލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 1995 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު އޭނާގެ ގޭގެ ބޭރުން އޭނާ ވަނީ ވަގަށް ނަގާފައެވެ. އުމުރުން 42 އަހަރުގައި އޭނާ މަރާލާފައިވާ ކަމަށް ބެލެވޭއިރު، އޭނާގެ ހަށިގަނޑު މިއަދާ ހަމައަށްވެސް ފެނިފައެއް ނުވެއެވެ. އޭނާގެ މަރަށްފަހު އަނބިމީހާ ޕަރަމްޖީތު ކުރި މަސައްކަތުން، އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން މައްސަލަ ތަހުގީގުކޮށް، ފުލުހުންގެ ފަސް މީހެއްގެ މައްޗަށް ވަނީ އުމުރުދުވަހުގެ ޖަލު ހުކުމް އިއްވާފައެވެ.

ހަނީ ތްރެހާން ލިޔެ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ހާލްރާގެ ރޯލު ކުޅެފައިވަނީ އިންޑިއާގެ މަޝްހޫރު އެކްޓަރު ދިލްޖީތު ދޮސާންޖްއެވެ. ފިލްމު ޕްލެޓްފޯމުން ނެގުމާ ގުޅިގެން އިންސްޓަގްރާމްގައި ވާހަކަދައްކަމުން ދިލްޖީތު ބުނެފައިވަނީ، އޭނާ އެންމެ ޖެހިލުންވި ކަންތައް މިހާރު ހިނގާފައިވާ ކަމަށެވެ. ނަމަވެސް މުޅި ގައުމުގެ އެކި ކަންކޮޅުތަކުގައި އާންމުން އެއްވެގެން ފިލްމު ބަލަމުންދާތީއާއި، ފިލްމު ޑައުންލޯޑުކޮށްގެން ގިނަ ބަޔަކު ބަލަމުންދާތީ އެކަމާ ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ޕަންޖާބުގައި 1980 ގެ އަހަރުތަކުގައި އުފެދުނު ހާލިސްތާން ހަރަކާތަކީ ސިކުންނަށް ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރި ހަރަކާތެކެވެ. މި ހަރަކާތް ހުއްޓުވުމަށް އިންޑިއާ ސިފައިން 1984 ވަނަ އަހަރު އަމްރިތްސަރުގައި ހުންނަ ސިކުންގެ އެންމެ މުގައްދަސް ތަން ކަމަށްވާ ރަން ފައްޅިއަށް ވަދެގަނެ ހިންގި އޮޕަރޭޝަން ބްލޫ ސްޓާގައި އެތައް ސަތޭކަ ބަޔަކު މަރުވިއެވެ. އޭގެ ފަހުން އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި އެތައް ހާސް ސިކުންނެއް ވަނީ މަރާލާފައެވެ. މީގެ ރައްދުގައި ސިކުންގެ ހަނގުރާމަވެރިން ވަނީ ރަން ފައްޅިއަށް ވަނުމުގެ އޮޕަރޭޝަން އިސްކޮށް ހިންގި އާމީ ޗީފް ޖެނެރަލް އަރުން ކުމާރު ވައިދްޔާ 1986 ވަނަ އަހަރު މަރާލާފައެވެ. އަދި 1994 ވަނަ އަހަރު ޕަންޖާބުގެ ގަވަރުނަރު ސުރެންދަރު ނާތު އާއި އޭގެ އަނެއް އަހަރު ސްޓޭޓުގެ ޗީފް މިނިސްޓަރު ބިއަންތު ސިންގް ވެސް ވަނީ މަރާލާފައެވެ.

ސަރުކާރުން ފިލްމު މަނާކޮށްފައިވީ ނަމަވެސް، ޔޫޓިއުބާއި އެހެނިހެން މީސްމީޑިއާ ޕްލެޓްފޯމުތަކަށް އާންމުން ދަނީ ފިލްމު އަޕްލޯޑު ކުރަމުންނެވެ. އަދި ޕަންޖާބުގެ އެކި ސަރަހައްދުތަކުގައާއި، ލަންޑަން، ނިއުޔޯކް އަދި ޓޮރޮންޓޯ ފަދަ ސިޓީތަކުގައި ދިރިއުޅޭ ސިކުން ދަނީ ފައްޅިތަކާއި އާންމު ހޯލުތަކުގައި އެއްވެ ތިބެ ފިލްމު ބަލަމުންނެވެ. މިގޮތަށް ބާއްވާ ހަރަކާތްތަކުގައި އެއްވެސް އަގެއް ނުނަގައި ފިލްމު ދައްކަމުން ދާއިރު، މިއީ އެމީހުންގެ ތާރީހާއި ވޭންދެނިވި މާޒީ ހަނދާން ނައްތާނުލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ފިލްމު ބެލި މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައި ވެއެވެ.