ޕާކިސްތާނުގެ ޑްރާމާ "ޑަރު-އެ-ނިޖާތު" ގެ އަބޫބަކުރުގެ ކެރެކްޓަރަށް އިންޑިއާގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބި އެ ޑްރާމާއަށް އިންޑިއާގެ ގިނަ ބަޔަކު ޝައުގުވެރިކަން އުފެދުމާއި ގުޅިގެން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ.
ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޑްރާމާ ސީރީޒް "ޑަރު-އެ-ނިޖާތު" ގައި ޝެހެރިޔާރު މުނައްވަރު ސިއްދީގީ ކުޅެފައިވާ "އަބޫބަކުރު" ގެ ކެރެކްޓަރަށް އިންޑިއާގެ ބައެއް އަންހެން ޒުވާނުންގެ މެދުގައި އާދަޔާ ހިލާފު ބޮޑު މަގުބޫލުކަމެއް ލިބެމުންދާތީ، އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެގޮތުން އެ ގައުމުގެ އޮޕްއިންޑިއާގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، އިންސްޓަގްރާމް ރީލްސްތަކުން ފެށުނު މި ފޯރި މިހާރު ދިއްލީއާއި ހައިދަރުއާބާދު ފަދަ ސިޓީތަކާއި ހަމައަށް ފޯރާފައިވާކަމަށެވެ. އަދި ޑްރާމާ ބެލުމަށް ހާއްސަ ހަފްލާތަކާއި ސަޕޯޓަރުންގެ ބައްދަލުވުންތައް ބާއްވާ ހިސާބަށް ގޮސްފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން މި ޑްރާމާގެ ޑައިރެކްޓަރު ސާގިބް ހާންއާއި، ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ގޮއްޕާއި ގުޅުންހުރި ކުރީގެ އޮފިސަރަކު ވެސް ވީޑިއޯ ކޯލް މެދުވެރިކޮށް ދިއްލީގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އުމޭރާ އަހުމަދު ލިޔެފައިވާ މި ޑްރާމާގައި އަބޫބަކުރު ދައްކުވައިދެނީ ވަރަށް ކެތްތެރި، ހިތްހެޔޮ އަދި ރަނގަޅު ފިރިއެއްގެ ގޮތުގައެވެ. ނަމަވެސް، އޮޕްއިންޑިއާގެ ލިޔުމުގައި ސިފަކޮށްފައިވާ ގޮތުގައި އަބޫބަކުރަކީ ތުނބުޅިއަކާ، ތާކިހަލެއް ނެތް ނަމަވެސް، ފުރިހަމައަށް އިސްލާމީ އުސޫލުތަކާއި ގުރުއާނުގެ ހުކުމްތަކަށް އަމަލުކުރާ "މައުލާނާ" އެކެވެ.
ޑްރާމާގައި އަބޫބަކުރުގެ އަންހެނުން ޒަރްޔާބު (ދުރޭފިޝާން ސަލީމް) އަކީ ކުރިން ހުޅަނގުގެ ސްޓައިލަށް އުޅުނު ނަމަވެސް، ފަހުން ނަމާދުކޮށް ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށް އިސްލާމީ ރިވެތި އުސޫލުތަކަށް ރުޖޫއަވާ ކެރެކްޓަރެކެވެ. އޮޕްއިންޑިއާއިން ބުނާ ގޮތުގައި، އިންޑިއާގެ ޣައިރު މުސްލިމު އަންހެން ކުދިން އަބޫބަކުރު ފަދަ ފިރިއަކު ބޭނުންވެގެން އުޅުމަކީ ހަގީގަތާ ހިލާފު ކަމެކެވެ. ސަބަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުން މުސްލިމް ފިރިހެނަކަށް ހިންދޫ ނުވަތަ ސިކް އަންހެނަކާ ކައިވެނި ކުރެވޭނީ އެ އަންހެނަކު އިސްލާމް ދީން ގަބޫލުކުރުމުން ކަމަށްވާތީ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
އިންޑިއާގެ ސަގާފަތުގައި ބޮލުގައި ފޮތިގަނޑެއް އެޅުމަކީ "ފަހަތަށް ޖެހުން" ކަމަށް ދެކޭ ބައެއް ޒުވާނުން، ޕާކިސްތާނުގެ ޑްރާމާތަކުން ފެންނަ މިފަދަ ކަންކަމަށް ތައުރީފުކުރާތީ އެކަމަށް ވެސް ވަނީ ފާޑުކިޔާފައެވެ. މި ޑްރާމާގެ ބަތަލާ ދުރޭފިޝާން ސަލީމް މީގެ ކުރިން ހިންދޫންގެ ފިކުރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވާކަން ފާހަގަކޮށް، ޕާކިސްތާނުގެ ފަންނާނުންގެ އުފެއްދުންތައް އިންޑިއާގައި ވީޕީއެން ބޭނުންކޮށްގެންނާ އެހެނިހެން ގޮތްގޮތުން ބަލަމުންދާތީ އެ ލިޔުމުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި ލިޔުން ނިންމާލަމުން އޮޕްއިންޑިއާއިން ބުނެފައިވަނީ "ދަރު-އެ-ނިޖާތު" އަކީ ސީދާ އިންޑިއާގެ އޯޑިއަންސަށް އަމާޒުކޮށްގެން އުފައްދާފައިވާ ޕްރޮޕެގެންޑާ ޑްރާމާއަކަށް ނުވި ނަމަވެސް، އިންޑިއާގައި މި ޑްރާމާއަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން ޕާކިސްތާނުގެ އަސްކަރީ މީޑިއާ އަށް ސޮފްޓް ޕަވާ ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަށް އައު ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
