ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވާ، ބޭރު ކުންފުނިތަކަކުން ވިޔަފާރިކުރި މައްސަލައެއްގައި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ނޫސްވެެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޖަލުގައި ހުންނަ މީހަކު ވަގުތީ ގޮތުން ގެއަށް ބަދަލުކުރަން ޖެހޭ ހާލަތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މީހަކަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ދެވޭނެ ގޮތެއް ނެތްނަމަ ވަގުތީ ގޮތުން ގެ ބަންދަށް ނުވަތަ ހޮސްޕިޓަލަށް ބަދަލުކުރާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުގެ މަތިން ޝިފާއު ގެއަށް ބަދަލުކުރީ މަސް ދުވަހަށް ކަމަށާއި އޭނާ ގެއަށް ބަދަލުކުރީ ޖަލުގައި ބަހައްޓައިގެން ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ނެތުމުން ކަމަށް ވެއެވެ. މިނިސްޓަރު ވަނީ އޭނާ އަކީ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެއް ކަމުން ޝިފާއުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

" އޭނާ[ޝިފާއު]ގެ މެޑިކަލް އިޝޫއެއްގައި ފުރަތަމަ އެއް މަސްދުވަހަށް ދެން އެއަށްފަހު މެޑިކަލް ކޮންޑިޝަން ރިކަވާ ނުކުރެވޭ ކަމަށްވާ ނަމަ އިތުރު ދެ މަސްދުވަސް ދޭ ގޮތަށް އެއް މަސް ދުވަހަށް މިހާރު ގެއަށް ބަދަުކޮށްފައި ވަނީ،" އިހުސާން ވިދާޅުވިއެވެ.

އަދި ޝަރުތުތަކާ ހިލާފުވެއްޖެނަމަ ވަގުތުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މައްސަލައިގައި ޝިފާއު ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލާފައިވާއިރު އެ ހުރިހާ ދައުވާއެއްވެސް ވަނީ ސާބިތުވެފައެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން އޭނާ ވަނީ 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ކުރިން ހެދި އެވެ. ނަމަވެސް އެއީ އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމިއެވެ.