އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކޮށް، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި ދިވެހި ސަރުކާރު ފަސްނުޖެހި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއަކީ އިންސާނީ ކަރާމާތާއި ހައްގުތަކަށް އަރައިގަނެވޭ ބޮޑު ޖަރީމާއެކެވެ. އަދި އެއީ މުޅި މުޖުތަމައާއި ބައިނަލްއަގްވާމީ ދުނިޔެ ގުޅިގެން ނަތީޖާ ނެރެންޖެހިފައިވާ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ޝިއާރުގައި ބާރުއަޅާ ފަދައިން، އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ރާއްޖޭގައި މިފަދަ ކަންކަން ހުއްޓުވުމަށް އެކަށޭނަ ގާނޫނީ އޮނިގަނޑެއް އެކުލެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ކުށްތަކުގެ ގާނޫނު ފަދަ ހިމާޔަތްތައް ހަމައެކަނި ފޮތެއްގެ ތެރޭގައި ބޭއްވުމުގެ ބަދަލުގައި، އަމަލީ ގޮތުން ކޮންމެ މީހަކަށްވެސް އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަޒުމް ކަމަށެވެ. މިގޮތުން، ޒިންމާދާރުކަމާއެކު މައްސަލަތައް ރިޕޯޓްކުރެވޭނެ ހަރުދަނާ އުސޫލުތައް އެކަށައަޅައި، އެއްވެސް އަންހެނަކު ނުވަތަ ކުއްޖަކު ހިމާޔަތެއް ނެތި މަގުމަތިވިޔަ ނުދިނުމަށްޓަކައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ރައްކާތެރި ހިޔާތައް އިތުރަށް ފުޅާކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އިސް ސަފުގައި ހިދުމަތްދޭ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތައް އަދި ޝަރުއީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވާ ފުރައްސާރަތަކުން ރައްކާތެރި މާހައުލެއް ގާއިމުކުރުމާއެކު، އަންހެނުން ބާރުވެރިކުރުވުމަކީ އަނިޔާ ހުއްޓުވުމަށް އެޅޭނެ އެންމެ ވަރުގަދަ ބިންގާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައިވެސް މި މެސެޖު ހިއްސާކުރައްވަމުން އެމަނިކުފާނު ވަނީ، މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކު ބިރުވެރިކަމެއް ނެތި، އަމާންކަމާއެކު ދިރިއުޅެވޭނެ ފަދަ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން އަތުގުޅާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރެއްވިއެވެ.
