ރާއްޖޭގެ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް 5.98 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅައި، 200 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ 200 އަށްވުރެ ގިނަ މަޝްރޫއުގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ އިތުރުން، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އަލަށް ފެށި 150 އަށްވުރެ ގިނަ މަޝްރޫއު ހިމެނޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައިވެސް ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއް ކުރަން ނިންމި ފުރަތަމަ ފަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް 26 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި 30 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ 17 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
މީގެ އިތުރުން، ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މުޅިން އަލަށް އިމާރާތްކުރާ 30 ހޮސްޕިޓަލަކާއި، 24 ސިއްހީ މަރުކަޒުގެ އިތުރުން 4 ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު، މިހާރު ހިދުމަތް ދެމުންގެންދާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމުގެ 90 މަޝްރޫއެއްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށެވެ.
