ކަސްޓަމްސްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ސަވައިލަންސް ޑްރޯން އަދި ބޮޑީވޯން ކެމެރާ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާގެ ހިދުމަތް ކަސްޓަމްސް އިން އިފްތިތާހު ކުރީ އެ މުއައްސަސާ އަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ.
އަލަށް ތައާރަފުކުރި ވަސީލަތްތަކުގެ ތެރެއިން ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި ވަސީލަތެކެވެ. އަދި ބޮޑީވޯން ކެމެރާތަކަކީ އެމެރިކާގެ އެހީތެރިކަމާއެކު ލިބިފައިވާ ވަސީލަތްތަކެއް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތައާރަފުކުރެވުނު މި ވަސީލަތްތަކުގެ ސަބަބުން ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް މޮނިޓާކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މުއައްސަސާއަށް އޮތް އިތުބާރާއި ޔަގީންކަން ބޮޑުވެ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ ސަވައިލަންސް ޑްރޯންގެ އެހީގައި ރާއްޖޭގައި ކަސްޓަމްސް އިން ކޮންޓްރޯލް ކުރާ ސަރަހައްދުތައް ބެލެހެއްޓުމަށާއި ބޮޑީވޯން ކެމެރާގެ އެހީގައި ކަސްޓަމްސްގެ ތަހުގީގުތަކާއި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ފުލުހުންގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން އިހުސާން ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ރައްޔިތުންނާ މުއާމަލާތްކުރާ ހިސާބުން ފެށިގެން ތަހުގީގުތަކުގެ އެކި މަރުހަލާތަކުގައި ވެސް ބޮޑީ ވޯން ކެމެރާއަކީ ކޮންމެހެން ބޭނުންތެރި ޒަމާނީ ވަސީލަތެއްކަން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން، ހައި-އިންޓެންސިޓީ އޮޕަރޭޝަންތަކާއި، މަސްތުވާތަކެއްޗާ ގުޅޭ އަދި ގާނޫނު ތަންފީޒުކުރުމުގެ ހާއްސަ ހުރިހާ އޮޕަރޭޝަންތަކެއްގައި ކަސްޓަމްސް މުވައްޒަފުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
