ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިންގާނެ ކަމަށާއި، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އެ ސަރަހައްދުތަކަށް އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ދެއްވައިފިއެވެ.
މިނިސްޓަރު އިހްސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި އެ މަނިކުފާނަކީ ވެސް މި ގައުމު ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުންނެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައިވަނީ ޒަމްޒަމް ފާރިޝްނަމަކަށް ކިޔުނު ފަރާތަކުން ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިސްލާމީ ވަހްދަށް އޮތް ނުރައްކަލެއްކަމަށާއި، އެތަނުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންނޫންކަމަށް ބުނެ ފަތުރާފައިވާ ވާހަކަތަކަކާ ގުޅިގެންނެވެ.
ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ ޕްރޮޖެކްޓާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ އެއްބަޔަކީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
ނަމަވެސް އެއިން ކޮންމެ ތަނެއްގައި ވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައި ވެސް އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓްގެ ބާވަތުން އެ މަސައްކަތް ކުރަންޖެހެނީ އެ ރަށުގައި ގާއިމުވެތިބެގެން ކަމަށްވާނަމަ، ފުލުހުންގެ ހިދުމަތް އެގޮތަށްވެސް ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މި ޕްރޮޖެކްޓާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭނެހެން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށްވިދާޅުވެ، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކަންކަމުގެ މައުލޫމާތު ނެތްނަމަ އެ މައުލޫމާތު އެނގޭ ފަރާތްތަކުން ސާފުކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ރަސްމާލެއަކީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލެ ސަރަހައްދުގެ ގޭދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން ބޭރުގެ އަމިއްލަ ކުންފުނިތަކަށް ވިޔަފާރި އުސޫލުން ބިން ދޫކުރުމާއި، އެކި ތަރައްގީގެ މަސައްކަތްތައް ހަވާލުކުރުމަށް ނިންމާފައިވާއިރު، އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުން ދަނީ އެ ސަރަހައްދުގެ ސެކިއުރިޓީއާއި ސިޔާދަތީ ބާރާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގެ ރިސޯޓުތަކާއި އަމިއްލަ ސިނާއީ ރަށްރަށުގައި އަމިއްލަ ސެކިއުރިޓީ ގާޑުން ބޭނުންކުރި ނަމަވެސް، ޖިނާއީ މައްސަލަތަކާއި ގާނޫނު ތަންފީޒުކުރުމުގެ ފުރިހަމަ ބާރު އިޚްތިޞާޞް އޮންނަނީ ދިވެހި ފުލުހުންނާއި ސަލާމަތީ ބާރުތަކަށެވެ.
