ގައުމީ އަދި ސަރަހައްދީ އަމާންކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ ވިލާ ނޯޓިކާ ރިޒޯޓުގައި ބޭއްވި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިފައިންގެ ހިދުމަތް އާ ޒަމާނަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމާއި، ކުއްލި ކަންކަމުގައި ހަރަކާތްތެރިވުން އަވަސްކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދު ކަނޑަށް ބަރޯސާވެފައިވާއިރު، އަމިއްލަ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ހުރުމަކީ މުޅި ސަރަހައްދުގެ ސަލާމަތަށްވެސް ލިބޭ ބާރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑަކީ ހުރިހާ ގައުމަކަށްވެސް އަމާން، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރާ ތަނަކަށް ހެދުމަށް ރާއްޖެއިން ބޭނުންވާ ކަމަށްވެސް ހާމަކުރެއްވިއެވެ.
މީގެއިތުރުން ވަގު ވިޔަފާރިއާއި ޓެރަރިޒަމް ފަދަ ކުށްތަކުގެ އިތުރުން ތިމާވެށީގެ ގެއްލުންތަކަކީ އަބަދުވެސް އޮތް ބިރެއްކަން ފާހަގަކުރައްވައި، ސަލާމަތީ އެކި އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ ނިޒާމެއް ގާއިމުކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަ ނިންމަވާލެއްވީ، 2011 ވަނަ އަހަރު ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ މެދުގައި ފެށި މި މަޝްވަރާތައް މިއަދު 6 ގައުމެއްގެ މައްޗަށް އެކުލެވޭ ވަރުގަދަ ޕްލެޓްފޯމަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި، ސީއެސްސީގެ ސަބަބުން ސަރަހައްދީ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ފާހަގަކުރައްވަމުންނެވެ. އަދި މިފަދަ ސަރަހައްދީ ގުޅުންތައް ކުރިއަށްގެންދަންވާނީ ކޮންމެ ގައުމެއްގެވެސް މިނިވަންކަމަށް އިހުތިރާމުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
