ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން ރޭ، އޮކްޓޫބަރު 11 ވީ ބުރާސްފަތި ދުވަހުގެ ރޭ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތަކީ، މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށް ހިތްވަރު ދެއްވުމަށް މިނިސްޓަރު ކުރެއްވި ޒިޔާރަތެކެވެ.
ފުލުހުންގެ މި އޮޕަރޭޝަނަކީ، ނުރައްކާތެރި އެކްސިޑެންޓްތަކުން ރައްކާތެރިވެ، ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. ފުލުހުން ބުނީ މިނިސްޓަރުގެ މި ޒިޔާރަތަކީ، ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު ދެއްވާ ހާއްސަ އަހައްމިއްޔަތު ރަމްޒުކޮށްދިން ޒިޔާރަތެއްކަމަށެވެ.
މި އޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި ފުލުހުން ސަމާލުކަންދެނީ ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދުތަކަށް ބަދަލު ގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމުގެ އިތުރުން، ބާރު ސްޕީޑުގައި ދުއްވުމާއި، ހުއްދަ ނެތި ރޭސްޖެހުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމުގެ މައްސަލަތަކަށެވެ. މީގެއިތުރުން، މަސްތުގެ ހާލަތުގައި ދުއްވުމާއި، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ހަރުކަށި ފިޔަވަޅު އަޅާނެއެވެ.
އޮޕަރޭޝަންގެ މައިގަނޑު ސަރަޙައްދަކީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަތައް ގިނަ ހުޅުމާލޭގެ މަގުތަކާއި، ސިނަމާލެ ބްރިޖާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއެވެ. ނަމަވެސް، މުޅި ގްރޭޓާ މާލެ ސަރަޙައްދުގައިވެސް މި ހަރަކާތްތައް ކުރިއަށްދާނެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޙަނީފާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ނަޢީމް ވިދާޅުވީ، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކުރުމަކީ މި އޮޕަރޭޝަންގެ މައިގަނޑު އަމާޒު ކަމަށެވެ. އަދި މި އޮޕަރޭޝަން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން ކުރިއަށްދާނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.
މި ހަރަކާތްތައް ކުރިއަށްގެންދަނީ މި އޮކްޓޫބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު (ގާނޫނު ނަންބަރު 16/2026) ގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
