އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމަށް އެމްޑީޕީގެ ސަރުކާރުގައި ތައާރަފުކުރި ސިޔާސަތަށް ބަދަލުުގެނެސް ޕްލާސްޓިކް ހޮޅި ހިމެނޭހެން ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ސިޔާސަތަށް މިހާރު ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން މިކަމަށް އާދަވެ، ރާއްޖޭގެ ގޮނޑުދޮށްތަކާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނި މަދުވެފައިވަނިކޮށް އެކަށީގެންވާ ސަބަބެއް ނެތި މިފަދަ ބަދަލެއް ގެނައުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖެއްސުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ މި ސިޔާސަތާއެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނިބުނި ފެންނަ މިންވަރު ވެސް ކުޑަވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، ނަމަވެސް މިފަދަ ބަދަލުތަކެއް ގެނެސްފައިވަނިކޮށް އެކަށީގެންވާ ސަބަބެއް ހުއްޖަތެއްނެތި ސިޔާސަތު ބަދަލުކުރުމަކީ ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެކަމެއް ކަމަށެވެ.

މީގެ އިތުރުން މިކަމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކަކީ ވެސް އެކަށީގެންވާ ސަބަބުތަކެއް ނޫންކަން ފާހަގަކޮށް އެމްޑީޕީން ބުނީ މިފަދަ ބަދަލެއް ގެންނަން ޖެހުނީ ކީއްވެގެންކަން ނުވަތަ އެހެނިހެން ގަވާއިދުތަކުގެ ތެރެއިން މިކަން ހައްލުކުރެވެން ނެތީ ކީއްވެގެންކަން ނުވަތަ 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރަން ޖެހުނު ސަބަބު ސާބިތުކޮށްދޭނެ ދިރާސާއެއް ކުރެވިފައިނުވާކަމަށެވެ.

މިއީ ތިމާވެށީގެ ރޮނގުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހޯދާފައިވާ ރީތި ނަމަށާއި، ރާއްޖޭގެ ކަނޑުތަކާއި ވެށީގެ ދުޅަހެޔޮކަމަށް ކުރެވޭ ގޯނާއެއްކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ސަރުކާރެއްގައި މި ސިޔާސަތަށް އަލުން އަމަލުކުރަން ފަށާ، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ތަކެތި ބޭނުންކުރުމަށް ވިޔަފާރިތަކަށް އެހީތެރިވެދީ ކުނި އުފައްދާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުކުރާނެ ކަމަށެވެ.

އަދި މިހާތަނަށް ތިމާވެށީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ނުޖެއްސުމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް ފުރިހަމައަށް އަމަލުކުރުމަށް އެމްޑީޕީން ވަނީ ޑރ. މުއިއްޒުގެ ސަރުކާރަށް ގޮވާލާފައެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ހާރު ގެނެސްފައިވާ މުހިއްމު އިސްލާހުތަކުގެ ތެރޭގައި ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހު ޖޫން 1، 2031 އަށް ބަދަލުކޮށް، ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން ޑިސެންބަރު 19، 2031 އަށް ވަނީ ފަސްކުރައްވާފައެވެ.

މީގެ ކުރިންވެސް ރައީސް ވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް އިސްލާހުތަކެއް ގެންނަވާފައެވެ، އެގޮތުން ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފާއާއި އެކު އެފަހަރު އިސްލާހު ގެންނެވީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާ ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށެވެ.