މާޒީގައި ދިމާވި ހިތްދަތިކަމުން އިބުރަތް ލިބިގަނެ އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ވަރަށް ހިތްވަރުގަދަ މީހަކަށް ނޫނީ ނުވާނެ ކަމެއްކަން ޔަގީނެވެ. ދިރިއުޅުމުގައި ތިމާ ވެއްޓިގެން ދިޔަ އަނދަވަޅުން ތެދުވެ، އާ ހިތްވަރަކާއެކު އަމިއްލަ ފަސްގަނޑުގައި ހުރެގެން އާމްދަނީ ލިބޭނެ ރަނގަޅު މަގެއް ކޮށާ، އަބުރުވެރި ދިރިއުޅުމެއް އުޅުމަކީ ގަދަ އަޒުމާ ހިތްވަރުން ނޫނީ ނުވާނެކަމެކެވެ. އަލަށް ކަމެއް ފަށައިގަންނައިރު އެ ދިމާވާ ދަތިއުދަގޫތަކާ، އެހެން މީހުން ދެކޭގޮތް ބަދަލުކުރުމާ، އަދި އެކަމަށް ބޭނުންވާ ހިތްވަރާއި ކެރުމަކީ ވަރަށް މުހިއްމު އެއްޗެކެވެ.

މިއީ އެފަދަ ޒުވާނެއްގެ ވާހަކައެވެ. ސ.މީދޫ، ނަފާ، މުހައްމަދު ޝިރާފްއަކީ މިހުރިހާ ގޮންޖެހުންތަކެއް ހުރަސްކޮށް އަމިއްލަ މުސްތަގުބަލަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނަވަސް ހިޔާލެއްގެ ޒުވާނެކެވެ. ބަދަލުވަމުންދާ ޒަމާނާއެކު ކުރިއަށްދާން އޭނާ ގެންގުޅޭ ދުރުވިސްނުމާ ސާބިތުކަމަކީ އެހެން ޒުވާނުންނަށް ނަމޫނާއެކެވެ. އާ ހިޔާލުތައް އަމަލީ މައިދާނަށް ނެރެ، އޭނާގެ އުފަން ފަސްގަނޑަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެދެވޭ ބަދަލުތަކެއް ގެނެސްދިނުމަކީ އޭނާގެ އެންމެ ބޮޑު އަމާޒެވެ.

އިސްލޯރިއާ އަައްޑޫ އިން ފަތުރުވެރިންނަށް ހާއްސަކޮށް ގިނަ ހަރަކާތްތަކެއް ހިންގާ

އޭނާއަކީ ރަށުގެ ފަތުރުވެރިކަމަށް އާ ދިރުމަކާއި ޒަމާނީ ބަދަލުތަކެއް ގެނެސްދެމުންދާ އީޖާދީ ވިސްނުމެއްގެ ވެރިއެކެވެ. ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ޝިރާފުއަކީ އިސްލޯރިއާ އަައްޑޫގެ ބާނީއެވެ. އޭނާއަކީ އެކްސްކާޝަން ބިޒްނަސް، ޓުއާ އޮޕަރޭޓަރެއް އަދި ޓްރެވަލް އޭޖެންޓެކެވެ. ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު، ފަސޭހަ އަދި ތިމާވެއްޓާ ރައްޓެހި ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ރަށަށް ބަގީގެ ހިދުމަތް ފުރަތަމަ ފަހަރަށް ތައާރަފުކޮށް، އެއީ ރަށު ފަތުރުވެރިކަމުގެ މުހިންމު ބަޔަކަށް އޭނާ ވަނީ ހަދާފައެވެ.

ޝިރާފްއަކީ އަބަދުވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ ލޯތްބެއް އަދި ޝައުގުވެރިކަމެއް ހުންނަ ޒުވާނެކެވެ. މީގެ ކުރިން ރިސޯޓްތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޝިރާފް ވިސްނީ ރަށުގައި ހުރެގެން ލޯކަލް ޓޫރިޒަމާއެކު އޭނާއަށް ކުރެވިދާނެ މަސައްކަތަކީ ކޮބައިތޯއެވެ. ޝިރާފް ބޭނުންވީ އެރަށަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކީވެސް ހިތްހަމަޖެހުމާއި އެކު ދިވެހިންގެ ދިރިއުޅުން ތަޖުރިބާކޮށްފައި ފުރައިގެންދާ މީހަކަށް ހެދުމެވެ. މީދޫގައި ހުރި ފުރުސަތުތައް ދެނެގަނެ، ޝިރާފްގެ އަމާޒަކަށްވީ ރަށަށް އަންނަ ފަތުރުވެރިންނަށް ހަގީގީ ދިވެހި އިހްސާސްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމެވެ.

ކަނޑުއަޑީގެ ރީތިކަން ދައްކާލުމާ، އައިލެންޑް އަދި ސިޓީ ޓުއާގެ އިތުރުން ރަށުގެ ސަގާފަތާއި ތާރީހީ ތަންތަން ދައްކާލުމަށް ހާފް ޑޭ ޓްރިޕްތައް އިންތިޒާމުކުރުމަކީ މިހާރު އޭނާގެ ކޮންމެ ދުވަހެއްގެ މަސައްކަތެވެ. ފަތުރުވެރިން ގޮވައިގެން އޮތޮޅުތެރޭގެ ފަޅު ރަށްރަށަށް ޒިޔާރަތްކޮށް އެކަހެރި ރީތި ފަޅު ރަށްރަށުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ހޯދައިދިނުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

https://www.facebook.com/reel/1037947625718393

މި މަސައްކަތް ފަށަން އުޅުނު އިރު މިކަމަކީ މީދޫގައި ކުރިއަށް ގެންދެވޭނެ މަސައްކަތެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް މިހާރު މީހުންގެ ވިސްނުން ބަދަލުވެއްޖެއެެވެ. ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް މިހާރު މިކަންކަން ތަޖުރިބާކޮށްލަން ބޭނުންވާކަމަށް ޝިރާފް ބުންޏެވެ. މިއީ ކުރެވޭނެ، އަދި އެކަމުން ރަނގަޅު އާމްދަނީއެއް ލިބި ނަތީޖާ ނެރެވޭނެ މަސައްކަތެއްކަމަށް މިހާރު އެންމެންވެސް ގަބޫލުކުރެއެވެ.

މި މަސައްކަތް ފެށިއިރު ދިމާވި ގޮންޖެހުންތައް ހިއްސާކުރަމުން ޝިރާފް ބުނީ އޭރު ފަތުރުވެރިން ޓުއާތަކަށް ގެންދާނެ މާ ބޮޑު ވަސީލަތެއް ނެތް ކަމަށެވެ. ރަށުގައި ބޭނުންކުރާ ބަގީގެ އިތުރުން އެހެން އެއްވެސް އެއްޗެއް ނެތެވެ. "މަސައްކަތް ފެށިއިރު ބައެއް ދުވަސް ދުވަހު މަހަށް ދާނެ ލޯންޗެއް ނުލިބިގެންވެސް އުޅެންޖެހުނު. އެހެންނަމަވެސް މިހާރު ސީދާ މިކަމަށް ހާއްސަކޮށް ފެންވަރު ރަނގަޅު ލޯންޗު ފަހަރު ރަށަށް ގެނެސްފި. މިހާރު ޓޫރިޒަމް ޒޯނުގައި ފެންވަރު ރަނގަޅު ގެސްޓު ހައުސްއެއްގެ ހިދުމަތް އެބަ ލިބޭ. މީދޫ އަށް ޑައިރެކްޓު ބުކިން ހެދައިގެން ފަތުރުވެރިން އެބައާދޭ." މީދޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވަކިވަކި ފަރުދުން ކުރާ މަސައްކަތްތައް ފާހަގަކޮށް ޝިރާފް ބުންޏެވެ.

ރަށު ފަތުރުވެރިކަމާއެކު ސީދާގޮތުންނާ، ނުސީދާ ގޮތުން ރަށުގެ އިގްތިސާދަށް ބޮޑު އާމްދަނީއެއް ވަންނަމުން އަންނަކަން ފާހަގަކޮށް ޝިރާފް ބުނީ ޓުއާގެ ތެރެއިން ފަތުރުވެރިން ގޭގެޔަށް ގެންގޮސް، ގޭގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ރަށުގެ ފިހާރަތަކާއި އެހެނިހެން ކުދި ވިޔަފާރިތަކަށް ފަތުރުވެރިންގެ ފަރާތުން މާލީ ފައިދާ ލިބެމުން އަންނަކަން ފާހަގަކޮށް ޝިރާފް ބުނީ މީދޫގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތައް ހޯދައިދިނުމަކީ ޝިރާފްގެ އެންމެ ބޮޑު މަގްސަދު

ޝިރާފް މި މަސައްކަތް ފެށިއިރު މި މަސައްކަތް މިހާ ފުޅާވެގެންދާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ދިމާވި ގޮންޖެހުންތަކާއެކު މަޔޫސްވި ފަހަރުތައްވެސް ދިޔައެވެ. އެހެންނަމަވެސް މިއަދު އޭނާގެ ވިޔަފާރި މިހާ ހިސާބަށް ގެންދިއުމުގެ އެންމެ ބޮޑު ހިއްސާދާރަކީ އޭނާގެ އަނބިމީހާ ޝާރާ ކަމުގައި ޝިރާފް ބުންޏެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް އަމަލީ ގޮތުން ބައިވެރިވެ ޝިރާފަށް ވަރަށް ބޮޑު ހިތްވަރެއް ދިނެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަ އަދި އާއިލާއާއި އެކުވެރިންގެ ފަރާތުން ލިބެމުންދާ ހިތްވަރާއި ތަރުހީބަކީ ޝިރާފް މި މަސައްކަތުގައި ދެމިހުރުމުގެ އަސްލުކަން އޭނާ ފާހަގަކުރިއެވެ.

މަސައްކަތް ފެށިއިރު އަތުގައި އެއްވެސް ވަސީލަތެއް ނެތް ނަމަވެސް މިއަދު އޭނާގެ އަތުގައި ނެތީ މަސައްކަތް ކުރިއަށް ގެންދާނެ އަމިއްލަ ބިމެކެވެ. އޭނާގެ އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި އެކަންވެސް ފުރިހަމަވެގެން ދިއުމެވެ. މިހާރު އާނާގެ އިސްލޯރިއާ އަައްޑޫ އަކީ ބްރޭންޑެކެވެ. ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނާ، މީދޫއަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް އޭނާގެ ފަރާތުން ހިދުމަތް ހޯދަމުން އަންނައިރު ޝިރާފް ފާހަގަކުރި ގޮތުގައި ހިދުމަތް ހޯދާ ފަތުރުވެރިންނަށް ދެވޭ ފުރިހަމަ އުފާވެރި ތަޖުރިބާގެ އެންމެ ބޮޑު ހެެއްކަކީ އެފަރާތްތަކުން ދޭ އުފާވެރި ރިވިއުތަކެވެ.

ޝިރާފްއަށް ލިބޭ އެންމެ ބޮޑު އުފަލަކީ ފަތުރުވެރިންގެ ޕޮޒިޓިވް ރިވިއުތައް

އޭނާގެ އެންމެ ބޮޑު އަޒުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެން ގުޅިގެން މި މަސައްކަތް އިތުރަށް ފުޅާކޮށް، މީދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ، ރަށުގެ އެންމެންނަށް އޭގެ ފައިދާ ލިބޭނެ ފަދަ ރަށަކަށް ހެދުމެވެ. މީގެ ކުރިން ފަތުރުވެރިކަމަކީ ހަމައެކަނި ރިސޯޓުގައި ކުރެވޭނެ މަސައްކަތެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް މިއަދު އެ ވިސްނުން ބަދަލުވެގެންދާތަން ފެންނަމުން ދާކަން އޭނާ ފާހަގަކުރީ އުފަލާއެކުގައެވެ.