އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ރީޖަނަލް ވެއާ ހައުސްތައް ގާއިމުކުރުމަށް ނިންމާފައިވާކަމަށާއި އެއާއެކު ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ)އިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ވަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސްޓޭޓްފާމާގެ މައި ވެއާހައުސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މީޑިއާތަކަށް ދައްކާލާ، ބޭސް ލިބުމުގެ ދަތިތައް ހައްލު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އަދާހަމަ ހިއްސާ ކޮށްފައެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ ކުންފުނީގެ ކޮމާޝަލް އޮފިސާ އަހުމަދު އިމާދު ވިދާޅުވީ، ސްޓޭޓްފާމާއިން ހިދުމަތާ ހަވާލުވުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދަނީ ބޭހުގެ ސްޓޮކް ދެނެގަނެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސް ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި އެކި ދަތިތަކާއެކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ 194 ފާމަސީއަށް މެދުކެނޑުމެއްނެތި ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން ފާހަގަކޮށް އިމާދު ވިދާޅުވީ، ބޭސް ދޫކުރުމުގެ ހިދުމަތް އިތުރަށް އަވަސްކުރުމުގެ ގޮތުން ހުޅުމާލޭ ވެއާހައުސްގެ ހިދުމަތް ދޭ ވަގުތު މިހާރު ވަނީ ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
އަތޮޅުތަކުގެ ރަށްރަށަށް ބޭސް އުފުލުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ އުޅަނދުތަކެއް ހޯދުމުގެ މަސައްކަތުގެ އިތުރުން ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ލޮޖިސްޓިކް ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އަންނަ އަހަރު ރާއްޖޭގެ 5 ސަރަހައްދެއްގައި ރީޖަނަލް ވެއާހައުސް ގާއިމުކުރުމަށްވެސް ނިންމާފައިވާ ކަމަށް އިމާދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ.
