ފާތިމަތު ޝަރޫފާ އަލީ (ޝަރޫ މިސް) އަކީ އައްޑޫ ސިޓީގެ ތައުލީމީ ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ، އާންމުންގެ މެދުގައި މަގުބޫލު ޓީޗަރެކެވެ. ސ. ފޭދޫ، ވޭވް، ޝަރޫ މިސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަރަދޫ ސްކޫލުގައެވެ. އޭނާއަކީ އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ނުހަނު އިހްލާސްތެރި އަދި ހީވާގި މުދައްރިސެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޓީޗަރެކެވެ.
ކުޑައިރުއްސުރެ ފެށިގެންވެސް ޝަރޫގެ އެންމެ ބޮޑު ހުވަފެނަކީ ޓީޗަރަކަށްވުމެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް އޭނާގެ ޝައުގުވެރިކަން އިތުރަށް ބޮޑުވެގެންދިޔައީ ސުކޫލް ދައުރުގެ "ޓީޗަރުންގެ ދުވަހު" ކްލާސް ކުދިންނަށް ކޮމާސް ފިލާވަޅެއް ކިޔަވައިދިނުމުގެ ފުރުސަތު ލިބުނު ހިސާބުންނެވެ. އެ ދުވަހު އޭނާގެ ކިޔަވައިދިނުމުގެ ހުނަރަށް ތައުރީފުކޮށް، މުސްތަގުބަލުގައި ކާމިޔާބު ޓީޗަރަކަށް ވުމަށް އެދުވަހުގެ ޓީޗަރު ދެއްވި ހިތްވަރަކީ މި ދާއިރާއިން ކުރިއަށްދިއުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ޝައުގެވެ.
ސުކޫލް ނިންމުމަށްފަހު، ނަރުސްކަމާއި ކިޔަވައިދިނުމާ ދެމެދު އިހްތިޔާރެއް ކުރަންޖެހުނު ހިނދު، ޝަރޫ ނިންމީ އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަމާ އެއްގޮތަށް ޓީޗިން ކޯސް ފުރިހަމަކޮށް، ތައުލީމީ ދާއިރާ އިހްތިޔާރުކުރާށެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ދަތުރު އޭގެ ހަގީގީ މިސްރާބަށް ބަދަލުވެގެން ދިޔަ ހިސާބެވެ.
ޝަރޫ މިސް، މަރަދޫ ސްކޫލްގެ ޕްރިންސިޕަލާއެކުޝަރޫ ކިޔަވައިދޭއިރު އެންމެ ބޮޑު އިސްކަމެއް ދެނީ އެކަކުވެސް ބާކީނުކޮށް، ކޮންމެ ދަރިވަރަކުވެސް ބައިވެރިކުރުވައި، އުނގެނުމަށް ޝައުޤުވެރިކަމާއި، އުފާވެރިކަމާއި، ސްކޫލަށް އަންނަން ހިތްވާ ފަދަ މާހައުލެއް ބިނާކުރުމަށެވެ. ކޮންމެ ދަރިވަރަކަށްވެސް ފިލާވަޅު ދަސްކުރުމުގެ ބަދަލުގައި، އެ ފިލާވަޅެއްގެ މާނަ ރަނގަޅަށް ދޭހަވާކަން ކަށަވަރުކުރުމަށް ޝަރޫ ހާއްސަ އިސަކަމެއް ދެއެވެ. އަދި ދަރިވަރުން ބޭނުންވާ އެހީތެރިކަމާ، އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން އުނގެނޭ އެއްޗެއް އަމަލީ ދިރިއުޅުމާ ގުޅުުވައިދިނުމަށް ޝަރޫ ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ.
ތަޢުލީމީ ދާއިރާގައި 13 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޝަރޫ ފާހަގަކުރައްވާ ގޮތުގައި، މާޒީއާ އަޅާބަލާއިރު ރާއްޖޭގެ ތައުލީމީ ނިޒާމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައެވެ. ކުރިން މައިގަނޑު ގޮތެއްގައި އަސާސީ ލިޔަންކިޔަން ދަސްކޮށްދިނުމަށް ބަރޯސާވެފައި އޮތް ނަމަވެސް، މިއަދު ތަމްރީނުވެފައިވާ ޓީޗަރުންނާ، ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތަކުގެ އެހީގައި އުނގެނުމުގެ ފުރުސަތުތައް ވަނީ ތަނަވަސްވެފައެވެ.
ޝަރޫ ބުނީ ކިޔަވައިދިނުންވެސް މިހާރު ބިނާވެފައިވަނީ ދަރިވަރުން އަމަލީ ހުނަރުތަކާ، އުފެއްދުންތެރިކަމާ، ވިސްނުމުގެ ހުނަރު (ކްރިޓިކަލް ތިންކިން) އަދި މުސްތަގުބަލަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށް ކަމަށެވެ. "ޖުމްލަކޮށް ބުނާނަމަ، ތައުލީމީ ނިޒާމު ވަނީ ވަރަށް ބޮޑަށް ކުރިއަރައި، ދަރިވަރުންނަށް އުނގެނުމަށާއި، ކުރިއެރުމަށާ، އެކުދިންގެ އަމާޒުތަކަށް ވާސިލުވުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިއްޖެ" ޝަރޫ ބުންޏެވެ.
ޝަރޫ މިސް، ސްކޫލް އިވެންޓެއްގެ ތެރެއިންޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އިރު ގޮންޖެހުންތަކާއިވެސް ކުރިމަތިވާ ކަން ފާހަގަކޮށް ޝަރޫ ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ މިއަދުގެ ޓެކްނޮލޮޖީ އާއި ސްކްރީނަށް ދެވިހިފާފައިވާ ދުނިޔެއެއްގައި ދަރިވަރުންގެ ސަމާލުކަން ފިލާވަޅަށް ހުއްޓުވުމެވެ. އަދި ދަރިވަރުންގެ ޝައުގުވެރިކަން އަތުލުމެވެ. ދަރިވަރުންގެ ތައުލީމީ މުސްތަގުބަލު ބައްޓަންކުރުމުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމަކީވެސް ނުހަނު މުހިންމު ކަމެއްކަން ފާހަގަކޮށް ޝަރޫ ބުނީ އަބަދުވެސް ދަރިވަރުންނަށް ރަނގަޅަށް އުޅުމަށް ހިތްވަރުދީ، އަދި ނުރަނގަޅު ކަންތައްތަކުން ދުރުވުމަށް ނަސޭހަތްދޭ ކަމަށެވެ.
އޭގެ އިތުރުން، ކޮންމެ ދަރިވަރެއްގެ ތައުލީމީ ކުރިއެރުން ގާތުން ބަލައި، އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ވަކިވަކި އިރުޝާދު ދޭކަމަށް ޝަރޫ ބުންޏެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެދެވޭ ގޮތެއްގައި ހިތްވަރުދިނުމާ، މުއާމަލާތްކުރުމާ، އަދި ޓީޗަރާއި ދަރިވަރުގެ މެދުގައި އޮންނަ ހަރުދަނާ ގުޅުމުގެ ސަބަބުން ދަރިވަރުންގެ އަހްލާގާއި ތައުލީމީ ފެންވަރު އިތުރަށް ރަނގަޅުވެގެންދެއެވެ.
ޝަރޫ މިސްގެ ކާމިޔާބު ދަތުރުގެ ފަހަތުގައިވާ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އާއިލާއެވެ. މައިންބަފައިންނާއި، ބޭބެއިން، ފިރިމީހާ އަދި މަންމަ ވަކިވެދިޔުމަށްފަހު ބޮޑުދައިތަގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ޝަރޫ ފާހަގަކުރީ އުފަލާއެކުގައެވެ. މީގެއިތުރުން، ދަރިވަރުންގެ ތައުލީމީ މުސްތަގުބަލު ބައްޓަންކުރުމުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ބެލެނިވެރިންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކާ އިހްތިރާމްކުރަނިވި ގުޅުމަކީ އޭނާގެ މަސައްކަތުގައި ކުރިއަށްދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ޝަރޫ ފާހަގަކުރިއެވެ.
