ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ހިންގުމަށް ޓަކައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މި ރަސްމިއްޔާތުގައި މަޝްރޫއުތައް ކުރިއަށްދާނެ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި މަގުހެދުމަށް 8 ރަށެއް ހިމެނެއެވެ. އެއީ އދ. ހަންޏާމީދޫ، ބ. ކަމަދޫ ، އަދި ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ، ތ. ވަންދޫ އެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ‏އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، އަދި ނ. މިލަދޫގައެވެ. މީގެއިތުރުން ‏ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ‏ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި، އަދި ނ. ހޮޅުމީދޫގައި ހިންގުމަށް ހަމަޖެހިފައިވާއިރު، ‏މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހދ. ވައިކަރަދޫ (ސްލިޕްވޭ އަދި ބީޗް) އަދި ރ. ފައިނު (ބީޗް) ގައެވެ.

އެއާއެކު ޏ. ފުވައްމުލަކު 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ވެސް ވަނީ ސޮއިކޮށްފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިކަމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ ތަފާތު ގިނަ އުމްރާނީ މަސައްކަތްތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުންޏެކެވެ.