ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ފޭސް 2 ގެ މަގުތަކުގައި ސްޕީޑް ބްރޭކަރު (ސްޕީޑް ބަމްޕް) ހަރުކުރުމުގެ މަސައްކަތް 11 ނޮވެމްބަރު 2026 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ސްޕީޑް ބްރޭކަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނީ އާންމު ދަތުރުފަތުރުގެ ބަސްތައް ދަތުރުކުރާ ލޭންތަކުގައިކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ 11 ނޮވެމްބަރުން ފެށިގެން 14 ނޮވެމްބަރުގެ ނިޔަލަށްކަމަށް ވަނީ ބުނެފައެވެ.

މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ބަސް ދަތުރުތަކަށް އެއްވެސް މެދުކެނޑުމެއް ނައިސް، އާންމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު އެ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން މަގުމަތީގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.

އެޗްޑީސީން ބުނީ ބަސް ދަތުރުކުރާ ލޭންތަކުގައި ސްޕީޑް ބްރޭކަރު ހެދުމުގެ މަސައްކަތް ނިމުމަށްފަހު، ހުޅުމާލެ ފޭސް 2 ގެ ކަނޑައެޅިފައިވާ އެހެން މަގުތަކާއި ސަރަހައްދުތަކުގައިވެސް ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެކަމަށެވެ.

މީގެއިތުރުން އެޗްޑީސީން ވަނީ ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތައް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި ނޮވެމްބަރު 15 އިން 18 އަށް ވަގުތީ ގޮތުން ބަންދުކުރެވޭނެކަމަށް ބުނެފައެވެ.

މަރާމާތައް ބަންދުކުރެވޭ ސަރަހައްދު ދައްކުވައިދޭ ޗާޓެއް / ފޮޓޯ: އެޗްޑީސީ

މި ދުވަސްތަކުގައި މިތަން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށްކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މި މަސައްކަތް ކުރާވަގުތު ކޮންމެސް ވަރަކަށް އަޑުގަދަވުމާއި ހިރަފުސްވުން އެކަށީގެންވާކަން ފާހަގަކޮށް އެޗްޑީސީން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިފަދަ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.