ގައުމެއްގެ ތަރައްގީއާއި ކުރިއެރުމުގެ އެންމެ މުހިންމު އެއް ބިންގަލަކީ އިންޖިނިއަރިންގެ ދާއިރާއެވެ. ގައުމުގެ އުމްރާނީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ އޮނިގަނޑު ހިންގުމުގައި އިންޖިނިއަރުން އަދާކުރަނީ އަގުނުކުރެވޭ ފަދަ މުހިންމު ދައުރެކެވެ. މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ އިންޖިނިއަރިން ދުވަހާ ގުޅުވައިގެން، މި ދާއިރާއިން ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނެއްގެ ވާހަކަ ގެނެސްދިނުމަކީ މި ދުވަހުގެ މުނާސަބަތާ ނުހަނު ގުޅޭ ކަމެކެވެ. އެގޮތުން މިއަދު އަލިއަޅުވާލާނީ އިންޖިނިއަރިން ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު ޒުވާނެއް ކަމަށްވާ އަހްމަދު އަނާން ޝާހިދުގެ ވާހަކައަށެވެ.

ކ. މާލެއަށް އުފަން، އުމުރުން 30 އަހަރުގެ އަހްމަދު އަނާން ޝާހިދަކީ މިހާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިލެކްޓްރިކަލް އެންޑް ކޮންޓްރޯލް ސިސްޓަމް މެއިންޓެނަންސް ޑިޕާޓްމަންޓުގެ، އިލެކްޓްރިކަލް ސިސްޓަމް މެއިންޓަނަންސް ޔުނިޓުގައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

އަނާން މި ދާއިރާއަށް ޝައުގުވެރިވީ ކުޑައިރުއްސުރެ ވެސް ގޭތެރޭގައި ގެންގުޅޭ ތަފާތު ސާމާނުތައް ރޫޅައި، އަލުން ރޭވުމަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. އެގޮތުން އެންމެ ބޮޑަށް ހަނދާން ހުންނަ ކަމަކީ ގްރޭޑް 6 ގައި ކިޔަވަމުން ދިޔައިރު، ގޭގައި ހުރި ވޯޓާ ހީޓަރެއް ރޫޅައިގެން އަމިއްލައަށް މަރާމާތުކުރަން ކުރި މަސައްކަތެވެ. އެ މަސައްކަތުގެ ތެރޭގައި މުޅި ގޭގެ ކަރަންޓު ކެނޑިގެން ދިޔަ ނަމަވެސް، ހިތްވަރު އެލުވާނުލައި އެކި ގޮތްގޮތަށް މަސައްކަތްކޮށްގެން އެ ހީޓަރު ކާމިޔާބުކަމާއެކު ރަނގަޅުކުރި ހަނދާނަކީ އަދިވެސް އަނާންގެ ހިތުގައި ބީވެފައިވާ ތާޒާ ހަނދާނެކެވެ.

ސްކޫލް ދައުރު ނިންމުމަށްފަހު، ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަޖެއްސުމަށްޓަކައި އަނާން އެންމެ ފުރަތަމަ ފުރިހަމަކުރީ އިލެކްޓްރިކަލް ސެޓްފިކެޓް 3 ކޯހެކެވެ. އޭގެ ފަހުން ސެޓްފިކެޓް 4 ނިންމައި، ވިލާ ކޮލެޖުން ލިބުނު ފުރުސަތުގައި ޑިގްރީ ކޯސް ވެސް ކާމިޔާބުކަމާއެކު ނިންމާލިއެވެ. މީގެ އިތުރުން، ކުޑައިރު ޓީވީން ދައްކާ ސައިންސް ޗެނަލްތައް ބަލައި ހޭދަކުރި ވަގުތުތަކަކީ ވެސް އަނާންގެ ހިތުގައި އުފެދި ދިރި ދިޔަ ޝައުގުވެރިކަމުގެ ބިންގާ ކަމުގައި އޭނާ ފާހަގަކުރެއެވެ. ތަކެތި މަސައްކަތްކުރާ ގޮތާއި، މެޝިންތަކާއި ސާމާނުތަކުގެ އެތެރެފުށުގައި ފޮރުވިފައިވާ ސައިންސްގެ ހަގީގަތްތައް ދެނެގަތުމަށް ސައިންސް ޗެނަލްތަކުން ދިން ފުރުސަތުތަކުގެ ސަބަބުން، ތަކެތި ރޫޅައި، އޭގެ ބިނާ ދެނެގަނެ، އަލުން ރޭވުމުގެ ޝައުގުވެރިކަން އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

ހަމައެއާއެކު، އަމިއްލައަށް އެއްޗެހި އީޖާދުކުރުމުގެ ޝައުގުވެރިކަން ވެސް އަނާންގެ ހިތުގައި އުފެދުނީ މި މުއްދަތުގައެވެ. މިކަން ފާހަގަކުރަމުން އަނާން ބުނަނީ، ކުޑައިރު ދަރިވަރުންނަށް ސައިންސާއި އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިކުރުވުމަކީ، ބޮޑުވެގެން އައިސް އެ ކުދިން އިންޖިނިއަރިންގެ ދާއިރާއަށް ވަނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. ބެލެނިވެރިންނާއި ސްކޫލްތަކުން ކުޑައިރުއްސުރެ ކުދިންގެ ހިތުގައި މިފަދަ ޝައުގުވެރިކަން އުފައްދައި، އެ ޝައުގުވެރިކަން ދިރުވައި ބޮޑުކުރުމަށް މަގުފަހިކޮށް ދިނުމަކީ، ގައުމަށް ބޭނުންވާ ފަންނީ ޒުވާން ޖީލެއް ބިނާވުމުގައި މުހިންމު ފިޔަވަޅެއް ކަމުގައި އަނާން ދެކެއެވެ.

އަނާން މަސައްކަތުގައި / ފޮޓޯ: ދަ ޕްރެސް

އަނާން އަމަލީ ގޮތުން މި ދާއިރާއަށް ނުކުތީ 2015 ވަނަ އަހަރު ސްޓެލްކޯގެ ޓެކްނީޝަނެއްގެ ވަޒީފާއިންނެވެ. މި ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރުމަށްފަހު، އޭނާ އެމްއޭސީއެލްގެ އިންޖިނިއަރެއްގެ މަގާމާ ގުޅުނީ 2025 ވަނަ އަހަރުއެވެ.

ވޭތުވެދިޔަ 10 އަހަރުގެ މަސައްކަތުގެ ތަޖުރިބާގައި އަނާންގެ ހަނދާނުން ފޮހެލަން އެންމެ ދަތި އެއް ދުވަހަކީ ތިލަފުށީ ޕަވާހައުސްގައި މަސައްކަތް ކުރި ދުވަސްވަރު ދިމާވި ހާދިސާއެކެވެ. އެއްފަހަރާ ގިނަ އަދަދެއްގެ ޖަނަރޭޓަރުތަކެއް މައްސަލަ ޖެހި، އެއް ދުވަހެއްގެ ތެރޭގައި އެ ހުރިހާ އެއްޗެއް މަރާމާތުކޮށް އޮޕަރޭޝަނަށް ގެންނަން ޖެހުނު ދުވަހަކީ ވަރަށް ބޮޑު ގޮންޖެހުމަކާ އެކު ކުރި ބުރަ މަސައްކަތެއްގެ ގޮތުގައި އަނާން ފާހަގަކުރެއެވެ.

މި ދާއިރާއިން ކުރިއަށް ދިއުމުގައި އަނާންއަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އޭނާގެ އާއިލާގެ ފަރާތުންނެވެ. ހާއްސަކޮށް ބައްޕަ ދިން ނަސޭހަތާއި އަގުހުރި އިރުޝާދުތަކަކީ އަބަދުވެސް އޭނާ ހަނދާނުގައި ބަހައްޓާ ކަންކަމެވެ. މީގެ އިތުރުން ވިލާ ކޮލެޖުގެ ލެކްޗަރާއިންނާއި އެކުގައި ކިޔެވި ދަރިވަރުންގެ ފަރާތުން ލިބުނު ހިތްވަރު އަނާން ފާހަގަކުރެއެވެ. އަދި އޭނާގެ ހިތުގައި މި ދާއިރާއަށް އިތުރަށް ލޯބި ޖައްސައިދިން މެންޓާ އިބްރާހިމް އިސްމާއިލްގެ އިތުރުން، އެކުގައި މަސައްކަތްކުރި ހުރިހާ އެކުވެރިންނަށް އަނާން ހާއްސަ ޝުކުރެއް އަދާކުރެއެވެ.

އަހްމަދު އަނާން ޝާހިދު / ފޮޓޯ: ދަ ޕްރެސް

އިންޖިނިއަރިން ދާއިރާއިން އަނާން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ގައުމީ ފެންވަރުގައި މި ދާއިރާއިން އިތުރު ޒުވާނުން ބިނާވެގެންދާ ދުވަހެކެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި، ގިނަ ކަންކަމުގައި އިމްޕޯޓަށް ބަރޯސާވާން ޖެހުމުގެ އިތުރުން ފަންނީ ދާއިރާތަކުން ބޭރުގެ މާހިރުން ހޯދަން ޖެހޭ ގައުމަކަށް ވާތީ، އަމިއްލަ އީޖާދީ އުފެއްދުންތައް އުފެއްދުމަށާއި އީޖާދީ ހައްލުތައް ހޯދުމަށް ދިވެހި އިންޖިނިއަރުންގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށް އަނާން ގަބޫލުކުރެއެވެ.

މިއީ ވަރަށް ފާގަތި މުސްތަގްބަލެއް އޮތް ދާއިރާއެއްކަން ފާހަގަކުރަމުން، މި ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އަނާން ދޭން ބޭނުންވާ މެސެޖަކީ: "މި ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވަނީ ހިތްވަރެއް. މަސައްކަތަށް ލޯބިކޮށް، ކުރިއަށް ދިއުމުގެ ވަރުގަދަ އަޒުމެއް އޮވެ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބީ ހާސިލުވާނެ. އަދި މަސައްކަތުގެ މާހައުލުގައި ޓީމާ ގުޅިގެން މަސައްކަތް ކުރުމާއި، މެންޓާއިން ދޭ އިރުޝާދުތަކަށް ބޯލަނބައިގެން ކުރިއަށްދާ ނަމަ މިއީ އެއްވެސް ވަރަކަށް އުނދަގޫ ދާއިރާއެއް ނޫން."

އަނާންގެ މި ދަތުރަކީ، ކުޑައިރުގެ ކުޑަކުޑަ ޝައުގުވެރިކަމެއް ފަންނީ ހުނަރަކަށް ބަދަލުކޮށް، ގައުމީ ފެންވަރުގެ ހިދުމަތަކަށް ވާސިލުވެވިދާނެ ކަމުގެ ފުރިހަމަ މިސާލެކެވެ. މިއަދު ފާހަގަކުރަމުންދާ އިންޖިނިއަރިން ދުވަހު އަނާން ފަދަ ހީވާގި، އީޖާދީ ވިސްނުމުގެ ޒުވާނުން ގައުމަށް ކޮށްދެމުންދާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ހައްގު ޝުކުރު އަދާކުރަން ޖެހެއެވެ. އަނާން ދެކޭ ހުވަފެނާ އެއްގޮތަށް، މި ދާއިރާއިން އިތުރު ދިވެހި ޒުވާނުން ތަމްރީނުވެ، ގައުމުގެ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދިވެހިރާއްޖޭގެ މުސްތަގްބަލަށް ކޮންމެހެން މުހިންމު ކަމެކެވެ.