ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެކި މަގާމުތަކަށް އިންތިހާބުވި ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މި ބޭފުޅުން ހުވާކުރެއްވީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގެ ތެރެއިން މިއަދު ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ހާއްސަ ސެޝަނުގައެވެ. މި ސެޝަން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދުގެ ޖަލްސާގައި ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ޕީއެންސީގެ ނައިބު ރައީސުންނާއި، މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ މަގާމުތަކުން ޕާޓީގެ ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯއިން ވެސް ވަނީ ހުވާކުރައްވާފައެވެ. އަދި ޕީއެންސީގެ މަތީ މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންނާއި، ޕާޓީގެ އިދާރީ މަގާމުތަކުގެ ބޭފުޅުންނާއި، ދާއިރާތަކުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް އިންތިހާބުވި ބޭފުޅުން ވެސް މި ސެޝަންގައި ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

މި ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނެވެ.