ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައްޔިތުންނާ ގާތުން ކަމަށާއި، ވެރިކަމަކީ ވަކި އާއިލާއެއްގެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ އެ ސަގާފަތް މިހާރު ބަދަލުވެފައިވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކާމިޔާބު ކޮންގްރެސްއެއް ނިންމާލީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އާ ފެށުމަކާއެކު ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ބޮޑާކަމާއި ކިބުރުވެރިކަމުން އެއްވެސް ކަމެއް ހާސިލުނުވާނެ ކަމަށާއި، ކާމިޔާބީ ގުޅިފައިވަނީ އުފަންވި އާއިލާއަކަށް ނޫން ކަމަށް ފާހަގަކުރެއްވިއެވެ.
އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ތިން މަސްތެރޭ ގައުމު ބަނގުރޫޓުވާނެ ކަމަށް ވާދަވެރިން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒު ހިކުމަތްތެރިކަމާއެކު ދަރަނިތައް ދައްކަވައި ގައުމު ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގާކަން އެނގޭނީ ހޯދާ ބެލުމުން ކަމަށާއި، ހޯދައިފި ނަމަ އެކަންކަން ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އަބްދުއްރަހީމް ވަނީ ސަރުކާރުން ދަރަނިތައް ދައްކަވައި ގައުމު ސަލާމަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ރަށަށް އެނބުރި ގޮސް ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ މަސައްކަތް ވަރުގަދައަށް ފެށުމަށް ޕާޓީގެ އިސްފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.
