ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ޕީއެންސީން ބުނި ގޮތުގައި މި ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

އެމަނިކުފާނުގެ އިތުރަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއުވެސް މިވަފުދުގައި ވަޑައިގަންނަވައެވެ.

މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް އެބޭފުޅުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވަައި ތަޖުރިބާއާއި ހިޔާލު ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވަނީ މީގެ ކުރިން ވެސް އެ މަގާމުގެ ހައިސިއްޔަތުން ޕާކިސްތާނަށް ދަތުރުފުޅުތައް ކުރައްވާފައެވެ.