2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.
މިއަދު ހެނދުނު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގެ ބައްދަލުވުމުގައި އެ ޕާޓީގެ މަތީ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ. މި ގަރާރާ ގުޅިގެން މަތީ މަޖިލީހުގައި ވަނީ މެންބަރުންގެ މެދުގައި ބަހުސްވެސް ކޮށްފައެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި މުއިއްޒުއަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސްކޮށްފައި ވަނީ މަޖިލީހުގައި ހާޒިރު 1119 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ބަޔާންކޮށްފައިވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވެރިކަމުގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އަގުހުރި މަސައްކަތްޕުޅުތަކެކެވެ.
އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރެއްވުމުގެ އިތުރުން، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި ނެތްކަން ކަށަވަރުކޮށްދެއްވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަހުރުވެރި 'ދިވެހިންގެރާއްޖެ' ބިނާކުރެއްވުމުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވުމަށާއި،ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
