ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބޯޓު ފެނިފައިވަނީ ކ. ދިއްފުށީގެ އިރުން ގާތްގަނޑަކަށް 123 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ކަމަށް ވެއެވެ.

މި އުޅަނދު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައިއިރު، އޭގައި 6 މީހުން ތިބި ކަމަށްއެމްއެންޑީއެފް އިން ބުނެފައި ވެއެވެ. ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވި މި ބޯޓު، ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމަށާއި، ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަޙައްދަށް ވަދެ މަސްވެރިކަން ކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން އަބަދުވެސް ހާއްސަ އިސްކަމެއް ދީގެން ޕެޓްރޯލް ކުރަމުން ގެންދެއެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ބޭރުގެ މަސް ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނެއެވެ.