މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެއްޖެއެވެ.
މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު ސިފައިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގްލާގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާކަމަށެވެ.
މީގެސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު 17:00 އިން 21:00 އަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އަދި ހަމަ އެހެންމެ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
