ދިވެހި ވަތަނީ ހިދުމަތުގެ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވިއިރު، ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ، ތަމްރީނާ ގުޅޭ ދަރިވަރުން ހިތްވަރާއެކު މަސައްކަތްކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މުޅި ޖުމުލަ 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވެއެވެ. އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ މި ޒުވާނުންގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި ބެޗުގެ ދަރިވަރުން ތަމްރީނު ފެށުމަށްޓަކައި ޅ. މާފިލާފުށި ޓްރެއިނިން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ތަމްރީނު ދޭ މުދައްރިބުންނަށް ވައުދު ލައިދިނުމާއި، ބައިވެރިވާ ކެޑޭޓުން އިގްރާރުވުން ކުރިއަށްގެންދިޔައެވެ. އެގޮތުން މުދައްރިބުންނަށް ވައުދު ލައިދެއްވީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ސެންޓަރުގެ އޮފިޝިއޭޓިން ޗީފް އިންސްޓްރަކްޓަރު ކެޕްޓަން މުހައްމަދު ހުޝާމް މޫސާއެވެ. އަދި ކެޑޭޓުންނަށް އިގުރާރު ލައިދެއްވީ ޅ. މާފިލާފުށި ނޭޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދުއެވެ. މި ރަސްމިއްޔާތުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސާވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް އަހުމަދު ޝަރީފާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރު ކާނަލް އަބްދުލް މުއިއްޒު މުސްތަފާގެ އިތުރުން އެ ސެންޓަރުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވިއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އިފުތިތާހީ ތަގުރީރުގައި އިއުލާނުކުރެއްވި، އިންސާނުންނާއި ގައުމުގެ ސިކުނޑިތައް ބިނާކުރުމުގެ ސިޔާސަތުގެ މުހިންމު ތަނބެކެވެ. ރައީސްގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި މި ޕްރޮގްރާމްގެ އަމާޒަކީ އަގީދާ ވަރުގަދަ، ދުޅަހެޔޮ އަދި ޒިންމާދާރު ޒުވާނުންތަކެއް ބިނާކޮށް، މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދީގެން ގައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ފަރުމާކޮށްފައިވާ ތަމްރީނު މުގައްރަރުގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތައުލީމާއި، ލީޑާޝިޕް އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދިނުން ހިމެނެއެވެ. ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ކުރިއަށްގެންދާއިރު، އަހުލާގާއި ސުލޫކު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތަކާއި އަސްކަރީ ތަމްރީނުތަކުގެ ހަރަކާތްތައް ތައާރަފުކޮށްދެއެވެ. މީގެ އިތުރުން ފަސްޓް އެއިޑާއި، ފަޔާ ފައިޓިން، ސެލްފް ޑިފެންސް އަދި އެކި ކޭމްޕް ހަރަކާތްތައް ވެސް ދަރިވަރުންނަށް ދަސްކޮށްދެއެވެ.
ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް “ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް” ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޯހުގެ މުގައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް “ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑާޝިޕް” ދޭއިރު، ފަޔާ ފައިޓިން މޮޑިއުލުން ފާސްވާ ދަރިވަރުންނަށް “ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ” ސެޓްފިކެޓް ލިބެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑް މޮޑިއުލުން ފާސްވާ ދަރިވަރުންނަށް “ބޭސިކް ފަސްޓް އެއިޑް” ސެޓްފިކެޓް އަދި “އެކުއެކީ” ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް “ޕިއާ އެޑިއުކޭޝަން ޓްރެއިނިން” ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދިނުމާއެކު، ތަމްރީނުގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ވެސް ދެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ އޮކްޓޫބަރު 1، 2025 ގައެވެ. ޕީއެސްއެމް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ތާރީހުން ފެށިގެން މިހާތަނަށް ކުރިއަށްގެންދިޔަ ތިން ބެޗަކުން ޖުމުލަ 1،028 ދަރިވަރުން ވަނީ އަސާސީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި އޭގެ ތެރެއިން ދެ ބެޗެއްގައި ހިމެނޭ 136 ދަރިވަރުން ވަނީ ފަންނީ ތަމްރީނުތައް ވެސް ފުރިހަމަކޮށްފައެވެ.
