އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި އެންތްރޮޕިކްގެ އޭއައި މޮޑެލް 'ކްލޯޑް' ބޭނުންކޮށްގެން ރަޝިޔާއާއި ޗައިނާއާ ގުޅުން ހުރި ގްރޫޕުތަކުން ސައިބާ ހަމަލާތަކާއި އަސްކަރީ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެންތްރޮޕިކުން މި މަހު ނެރުނު ތްރެޓް އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ގްރޫޕުތަކުން ވަނީ މިސައިލާއި ޑްރޯން އަދި އިލެކްޓްރޯނިކް ވޯފެއާގެ އިތުރުން އެންޓި-ޓޯޕީޑޯ ނިޒާމުތައް ތަރައްގީކުރުމަށް ކްލޯޑްގެ އެހީތެރިކަން ހޯދާފައެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާންމުކޮށް މައުލޫމާތު ހޯދުމުގެ ބަދަލުގައި، މި ގްރޫޕުތަކުން ކްލޯޑް ބޭނުންކޮށްފައިވަނީ އެ މީހުންގެ އޮޕަރޭޝަންތަކުގެ އެކި މަރުހަލާތަކުގައެވެ. އޭގެ ތެރޭގައި ސޮފްޓްވެއާގެ ބަލިކަށިކަން ދެނެގަތުމާއި، މެލްވެއާ އުފެއްދުމާއި، ޖާސޫސީ މައުލޫމާތު އެއްކުރުމުގެ އިތުރުން ސޮފްޓްވެއާ އިންޖިނިއަރިންގެ މަސައްކަތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރަޝިޔާއާ ގުޅުން ހުރި ގްރޫޕަކުން ޔޫކްރެއިންގެ އަސްކަރީ ޖާސޫސީ އިދާރާތަކަށާއި ޔޫރަޕުގެ ސަރުކާރުތަކަށް އަމާޒުކޮށްގެން ހިންގި ޖާސޫސީ ކެމްޕޭނެއްގައި ކްލޯޑް ބޭނުންކޮށްފައިވާ ކަމަށް އެންތްރޮޕިކުން ބުނެއެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި މިއީ 'މިޑްނައިޓް ބްލިޒާޑް' ގެ ނަމުން މަޝްހޫރުވެފައިވާ ގްރޫޕުން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ފިޝިން ހަމަލާތައް ދިނުމަށާއި، އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށާއި، ވަގަށް ނަގާފައިވާ ޑޭޓާ ބަދަލުކުރުމަށް ކްލޯޑް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ނެޓްވޯކްތަކަށް ވަދެ ތިބުމަށާއި ކޮމާންޑް-އެންޑް-ކޮންޓްރޯލް ނިޒާމުތައް ހިންގުމަށް ވެސް އޭއައިގެ އެހީތެރިކަން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން، ޗައިނާއާ ގުޅުން ހުރި އޮޕަރޭޝަނެއްގެ މައުލޫމާތު ވެސް އެންތްރޮޕިކުން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ޗައިނާގެ ހުނާން ޕްރޮވިންސްގެ ޗަންގްޝާގައި ތިބެގެން ހަރަކާތްތެރިވި ކަމަށް ބެލެވޭ ބަޔަކު ވަނީ ބޭރު ގައުމުތަކުގެ ސަރުކާރުތަކުގެ ނެޓްވޯކްތަކަށް ވަނުމަށާއި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ކްލޯޑް ބޭނުންކޮށްފައެވެ.
މި ގްރޫޕުން އެއްފަހަރާ އެތައް މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި، އެކި މަސައްކަތްތަކުގެ މެދުގައި ވަސީލަތްތައް ހިއްސާކޮށްފައިވާ ކަމަށް ވެސް އެންތްރޮޕިކުން ބުނެފައިވެއެވެ. މި އޮޕަރޭޝަނުގައި ތައުލީމީ ދާއިރާއާއި، ރީޓެއިލް، ހަކަތަ، ޓެކްނޮލޮޖީ، ސިއްހީ ދާއިރާ، މާލީ ދާއިރާ އަދި އުފެއްދުންތެރިކަމުގެ ދާއިރާ ހިމެނޭ ގޮތަށް 50 ޖަމިއްޔާއަކަށް އަމާޒުކޮށްފައިވާ ކަމަށް އެ ކުންފުނިން ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން، ތައުލީމީ ޓެކްނޮލޮޖީ ކުންފުންޏަކުން އެތައް ސަތޭކަ މެގަބައިޓެއްގެ ދަރިވަރުންގެ ޑޭޓާ ވަގަށް ނަގާފައިވާ ކަމަށާއި، ރީޓެއިލް ކުންފުންޏެއްގެ ލައިވް ސިސްޓަމްތަކަށް ވަދެފައިވާ ކަމަށް ވެސް އެންތްރޮޕިކުން ބުނެއެވެ. އަދި އިރުމަތީ އޭޝިއާގެ ގައުމެއްގެ ސަރުކާރު އިދާރާއަކުން ރައްޔިތުންގެ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ކުރިން ހޯދިފައި ނުވާ ނެޓްވޯކް މައްސަލަތަކެއް ދެނެގަނެ، އެ މައްސަލަތަކުގެ ބޭނުން ހިފައިގެން ހަމަލާދޭނެ ގޮތްތައް ވެސް މި ގްރޫޕުން ހޯދާފައިވާ ކަމަށާއި، އެކި ނެޓްވޯކް އަދި ސެކިއުރިޓީ އެޕްލަޔަންސްތަކަށް އަމާޒުކޮށްގެން އެކްސްޕްލޮއިޓްތައް އުފައްދާފައިވާ ކަމަށް އެންތްރޮޕިކުން ބުނެފައިވެއެވެ.
ސައިބާ ހަމަލާތަކުގެ އިތުރުން، އާންމު ހަތިޔާރު އުފެއްދުމާ ގުޅޭ 6 މައްސަލައެއް ވެސް އެންތްރޮޕިކުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ޗައިނާއާއި، ރަޝިޔާ އަދި ޔަމަނުގައި ހިންގާފައިވާ ހަރަކާތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. ޗައިނާއާ ގުޅުން ހުރި އެއް މައްސަލައިގައި، އެންޓި-ޓޯޕީޑޯ ފަޔާ-ކޮންޓްރޯލް ނިޒާމަކާ ގުޅޭ 200 ސަފުހާގެ ޕްރޮޕޯސަލެއް ތައްޔާރުކުރުމަށް ކްލޯޑްގެ އެހީތެރިކަން ހޯދާފައިވާ ކަމަށް އެންތްރޮޕިކުން ބުނެފައިވެއެވެ. އަދި އެ ނިޒާމު އެމެރިކާގެ އެންޓި-ޓޯޕީޑޯ އަދި އެންޓި-ސަބްމެރިން ޕްރޮގްރާމްތަކާ އަޅައިކިޔުމަށް ވެސް އޭއައި މޮޑެލް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އެންތްރޮޕިކުން ލަފާކުރާ ގޮތުގައި މިއީ ޗައިނާގެ އަސްކަރިއްޔާއަށް ހުށަހެޅުމަށް ޗައިނާގެ ދިފާއީ ކުންފުންޏަކުން ތައްޔާރުކުރި ޕްރޮޕޯސަލެކެވެ. މީގެ އިތުރުން، އިލެކްޓްރޯނިކް ވޯފެއާއާއި ވައިގެ ދިފާއީ ނިޒާމުތައް ހަލާކުކޮށްލުމަށް ބޭނުންކުރާ ސޮފްޓްވެއާ ތަރައްގީކުރުމަށް ވެސް ޗައިނާގެ ގްރޫޕަކުން ކްލޯޑް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ނިޒާމު މެދުވެރިކޮށް ރޭޑަރުތަކާއި ވައިގެ ދިފާއީ މަރުކަޒުތައް ހުރި ތަންތަން ދެނެގަނެވޭނެ ކަމަށާއި، ޖޭމްކުރުމުގެ ނިޒާމުތަކުގެ ކާމިޔާބުކަން ވަޒަންކުރެވޭނެ ކަމަށް އެންތްރޮޕިކުން ބުނެފައިވެއެވެ. މި ގްރޫޕުން ފަހުން ވަނީ ޓައިވާނުގެ 12 އަމާޒަކަށް ހަމަލާދޭނެ ގޮތުގެ ސިމިއުލޭޝަނެއް ވެސް ތައްޔާރުކޮށްފައެވެ.
އޭގެ ތެރޭގައި ޓައިވާނުގެ ރާޑަރު ސްޓޭޝަންތަކާއި، ވައިގެ ދިފާއީ މަރުކަޒުތަކާއި، ވައިގެ ބޭސްތަކުގެ އިތުރުން އަސްކަރީ ކޮމާންޑް ފެސިލިޓީތައް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެންތްރޮޕިކުން ބުނި ގޮތުގައި މި މަސައްކަތް ކޮށްފައިވަނީ ޗައިނާގެ އަސްކަރީ ދިރާސާކުރާ އިދާރާތަކާ ގުޅުން ހުރި ދިފާއީ ދިރާސާވެރިއެކެވެ.
ޔަމަނުގައި ހިންގި ހަރަކާތްތަކާ ގުޅޭ ގޮތުން އެންތްރޮޕިކުން ބުނެފައިވަނީ، ގައިޑެޑް ރޮކެޓެއްގެ ފްލައިޓް-ކޮންޓްރޯލް ފާމްވެއާ ތަރައްގީކުރުމަށް ކްލޯޑް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ރޮކެޓް ޓެސްޓުކުރުމަށް ފަހު، އެ ޓެސްޓު ނާކާމިޔާބުވި ސަބަބު ދެނެގަތުމަށް ޓެސްޓުގެ ޑޭޓާ އޭއައި މޮޑެލްއަށް ފީޑްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ބެލިސްޓިކް މިސައިލް ދަތުރުކުރާނެ މަގުތަކުގެ ސިމިއުލޭޝަން ހެދުމަށާއި ފްލައިޓް-ކޮންޓްރޯލް އޮޕްޓިމައިޒްކުރުމަށް ވެސް މި ގްރޫޕުން ކްލޯޑް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އަނެއް ދެ މައްސަލައާ ގުޅޭ ގޮތުން އެންތްރޮޕިކުން ބުނެފައިވަނީ، އެއީ ރަޝިޔާގެ ދިފާއީ ކަސްޓަމަރުންނަށް ބޭނުންވާ އާލާތްތައް ހޯދުމަށް ކުރި މަސައްކަތްތަކަކާއި، ޑައިރެކްޓެޑް-އެނާޖީ ހަތިޔާރަކާއި އެ ހަތިޔާރު ފޯރުކޮށްދޭ ފަރާތްތަކާ ގުޅޭ ޖާސޫސީ މައުލޫމާތު އެއްކުރުމަށް ކުރި މަސައްކަތްތަކެއް ކަމަށެވެ. އެންތްރޮޕިކުން ފާހަގަކުރި ގޮތުގައި، މި ހުރިހާ މައްސަލަތަކެއްގައި ވެސް ޝާމިލުވި ފަރާތްތަކަކީ ކުރިން ވެސް ހަތިޔާރު އުފެއްދުމުގެ ތަޖުރިބާ ހުރި ނުވަތަ އެކަމަށް ބޭނުންވާ ހާޑްވެއާ ލިބެން ހުރި ފަރާތްތަކެކެވެ. އެ ކުންފުނިން ބުނި ގޮތުގައި ބައެއް ގްރޫޕުތަކުން ވަނީ އެ މީހުންގެ އަސްލު މަގުސަދު ސިއްރުކުރުމަށްޓަކައި އެކި ސެޝަންތަކަށް ބަހާލައިގެން މަސައްކަތްކޮށްފައެވެ.
އަދި އޭއައި މޮޑެލްގައި ހިމަނާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ރެކުމަށް އެކި ގޮތްގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެންތްރޮޕިކުން ބުނެފައިވެއެވެ. މި ކަންކަން ފަޅާއެރުމާ ގުޅިގެން، މި އޮޕަރޭޝަންތަކުގައި ބޭނުންކުރި އެކައުންޓުތައް މިހާރު ބްލޮކްކޮށްފައިވާ ކަމަށް އެންތްރޮޕިކުން ވަނީ ބުނެފައެވެ. އަދި މިފަދަ ހަރަކާތްތައް ދެނެގަތުމަށް އިތުރު މޮނިޓަރިން ނިޒާމުތައް ގާއިމުކޮށްފައިވާ ކަމަށާއި، ތަހުގީގުން ލިބުނު މައުލޫމާތުގެ އަލީގައި ކުންފުނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މި މައްސަލަތަކާ ގުޅޭ ޖާސޫސީ މައުލޫމާތު ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށާއި އިންޑަސްޓްރީގެ ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް އެންތްރޮޕިކުން ވަނީ ހާމަކޮށްފައެވެ.
