އޯޕަންއޭއައިގެ މައި އޮފީހުގައި ސިއްރުން އަޑުއަހާ މެޝިނެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ އަބްދުލްރަހްމާން އަލްފޯޒާން، އަނބުރާ ނާންނަ ގޮތަށް އެ ގައުމަށް ފުރަން ޓިކެޓު ނަގާފައިވާ ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 35 އަހަރުގެ އަލްފޯޒާން އަކީ އޯޕަންއޭއައިގެ ކުރީގެ އިންޖިނިއަރެކެވެ. ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކާ ހަވާލާދީ ޕްރޮސެކިއުޓަރުން ބުނި ގޮތުގައި، އޭނާ ރާވާފައި އޮތީ އޭނާގެ އަންހެނުންނާއި އާއިލާގެ އެހެން މެންބަރަކާއެކު އޮކްޓޯބަރު 12 ވަނަ ދުވަހު ސައުދީއަށް ފުރުމަށެވެ. ނަމަވެސް، އޭގެ ކުރިން އޮކްޓޯބަރު 9 ވަނަ ދުވަހު އެފްބީއައި އިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކުރީ ސެން ފްރެންސިސްކޯގައި ހުންނަ އޯޕަންއޭއައިގެ މައި އޮފީހުގެ ކޮންފަރެންސް ރޫމެއްގައި ސިއްރުން އަޑުއަހާ މެޝިނެއް ހަރުކޮށްފައި ހުއްޓާ ފެނިގެން އެ ކުންފުނީގެ މުވައްޒަފުން އެކަން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އަލްފޯޒާން ވަނީ ގާތްގަނޑަކަށް 15 މަސް ދުވަހު އެ ކުންފުނީގައި މަސައްކަތްކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.
އަލްފޯޒާންގެ މައްޗަށް އުފުލާފައިވަނީ މުވާސަލާތީ މުއާމަލާތްތައް ސިއްރުން އަޑުއެހުމަށް އިލެކްޓްރޯނިކް ނުވަތަ މެކޭނިކަލް އާލާތެއް ބޭނުންކުރުމުގެ ދައުވާއެވެ. މި ކުށް ސާބިތުވެއްޖެނަމަ ގިނަވެގެން ފަސް އަހަރުގެ ޖަލު ހުކުމަކާއެކު 250،000 ޑޮލަރުން ޖޫރިމަނާކުރުމުގެ ފުރުސަތު އޮންނާނެއެވެ. ޕްރޮސެކިއުޓަރުން ބުނި ގޮތުގައި އޭނާ ފުރަން އުޅުނުކަން ކޯޓަށް އެންގީ، އޭނާ އެމެރިކާއިން ފިލައިގެން ދިއުމުގެ ގާބިލުކަމާއި ބޭނުންތެރިކަން އޮތް ކަމަށް ބުނެ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ސިއްރުކޮށްދިނުމަށް އެދިއެވެ.
އަލްފޯޒާންގެ ގާނޫނީ ވަކީލު ވިލިއަމް ޕަރނިކް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ މުވައްކިލުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށާއި އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމަށް ކޯޓުގައި ގޮންޖަހާނެ ކަމަށެވެ. އަދި މީޑިއާތަކުން ކަންކަން ސިފަކުރާ ގޮތަށް ވުރެ ބޮޑަށް، އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމުން އޭނާގެ މުވައްކިލާމެދު އިންސާފުވެރިކޮށް އަމަލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ވަކީލު ބުންޏެވެ. މީގެ އިތުރުން، އަލްފޯޒާން އަކީ މުޖުތަމައާ ގުޅުން އޮންނަ، އިހުތިރާމު ލިބިގެންވާ ފަންނީ މީހެއް ކަމަށާއި، އޭނާގެ ގައުމިއްޔަތަށް ބަލައި އޭނާއަކީ އިތުބާރު ނުކުރެވޭ ނުވަތަ ފިލައިގެން ހިނގައިދާނެ މީހެއް ކަމަށް ސިފަކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަކީލު ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓެކްނޮލޮޖީ ކުންފުނިތަކަށް ޖާސޫސްކުރުމުގެ ނުރައްކާ އޮތް މިންވަރާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. ލިންކްޑްއިންގައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު އޯޕަންއޭއައިއާ ގުޅުމުގެ ކުރިން އަލްފޯޒާން ވަނީ މެޓާގެ ސިސްޓަމްސް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކޮށް، މައިކްރޯސޮފްޓްގައި އިންޓާންޝިޕް ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން، އޭނާއަކީ ރިޔާޒުގައި ގާއިމުވެފައިވާ ވެންޗަރ ކެޕިޓަލް ކުންފުންޏެއް ކަމަށްވާ ރާއިދު ވެންޗަރސްގެ ޕާޓްނަރެއް ވެސް މެއެވެ. އެ ކުންފުނީގެ އެހެން ޕާޓްނަރުންގެ ތެރޭގައި ސައުދީ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ އަމީރު ހާލިދު ބިން ބަންދަރު ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސައުދު ހިމެނިވަޑައިގަންނަވައެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަލްފޯޒާން އެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ރާއިދު ވެންޗަރސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާއަކީ ޓެކްނޮލޮޖީ ސްޓާޓްއަޕްތަކުގެ ތަޖުރިބާކާރެއް ކަމަށާއި، އޭނާގެ މަސްއޫލިއްޔަތަކަށް ވާނީ އިންވެސްޓްކުރަން ރަނގަޅު ފުރުސަތުތައް ހޯދައި، ސްޓާޓްއަޕްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
