ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ މިލިއަން ދަރިވަރުންނެއް މި މަހުގެ ތެރޭގައި އާ ދިރާސީ އަހަރަކަށް ސްކޫލަށް ދާން ފަށާފައިވާއިރު، ކްލާސްރޫމްތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ދަރިވަރުން އުނގެނޭ ގޮތް މިވަނީ ބަދަލުވެފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭއައި ޗެޓްބޮޓްތައް މެދުވެރިކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފިލާވަޅުތައް ނިންމާލެވޭއިރު، ގޭގައި ހަދަންދޭ ފިލާވަޅު ނުވަތަ ހޯމްވޯކްގެ ހަގީގީ ބޭނުމަކީ ކޮބައިތޯ މިއަދު ދަރިވަރުންނާއި މުދައްރިސުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބައެއް ގައުމުތަކުން އަންނަނީ ތައުލީމީ ނިޒާމުގެ ތެރެއަށް އޭއައި ވަރަށް ހަލުވިކަމާއެކު ތައާރަފުކުރަމުންނެވެ. މިގޮތުން، ޗައިނާގައި އަހަރެއްގެ މައްޗަށް މަދުވެގެން އަށް ގަޑިއިރު އޭއައިއާ ގުޅޭގޮތުން ކިޔަވައިދިނުމަށް ލާޒިމުކުރެއެވެ. މީގެ އިތުރުން، ގަލްފުގެ ގައުމުތައް ކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ)، ސައޫދީ އަރަބިއްޔާ އަދި ގަތަރުން ވެސް ވަނީ އެ ގައުމުތަކުގެ މަންހަޖުތަކުގައި އޭއައި ހިމަނަން ފަށާފައެވެ.

އުނގެނުމުގެ ހަގީގަތާއި އިމްތިހާނުގެ ނަތީޖާ

އޭއައި ޗެޓްބޮޓްތަކުގެ ސަބަބުން އުނގެނުން އަވަސްވެ، ފަސޭހަވެގެންދެއެވެ. ނަމަވެސް، ޓެކްނޮލޮޖީއާ ނުލައި ދަރިވަރުން މަސައްކަތްކުރަން ޖެހޭ ހާލަތްތަކުގައި ވާގޮތާމެދު ވަނީ ސުވާލު އުފެދިފައެވެ. މިކަން ދެނެގަތުމަށްޓަކައި، ސްޓޮކްހޯމް ޔުނިވާސިޓީގެ ޑޭވިޑް ސްޓްރޮމްބާގް އާއި ހޮންގްކޮންގް ޔުނިވާސިޓީގެ ވިކްޓަރ ލެއި އަދި ޔަންހުއި ވޫ ގުޅިގެން ވަނީ ބޮޑު ދިރާސާއެއް ކޮށްފައެވެ. ޗައިނާގެ 12 އަހަރާއި 18 އަހަރާ ދެމެދުގެ 27،000 އެއްހާ ދަރިވަރުން ހިމަނައިގެން 30 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ދިރާސާއަކީ މިފަދަ އެންމެ ބޮޑު އެއް ދިރާސާއެވެ.

މި ދިރާސާގައި ނުވަ މާއްދާއަކުން ދަރިވަރުންނަށް ދީފައިވާ ހޯމްވޯކާއި، ފޮތް ނުބަލައި ހަދާ މަހީ އިމްތިހާނުތަކުގެ އިތުރުން މުހިންމު އެންޓްރެންސް އިމްތިހާނުތަކުގެ ނަތީޖާ ވަނީ އެއްކޮށްފައެވެ. މި ނަތީޖާތަކުން ދައްކާ ގޮތުގައި، ސްކޫލް މަސައްކަތް ފުރިހަމަކުރުމާއި އެއިން އެއްޗެއް އުނގެނުމާ ދެމެދު ބޮޑު ފަރަގެއް ވެއެވެ. ޖެނެރޭޓިވް އޭއައި ބޭނުންކުރަން ފެށުމުން، ދަރިވަރުންގެ ހޯމްވޯކް ނަތީޖާ 18 ޕަސެންޓް މައްޗަށް ދިޔައެވެ. އަދި ކޮންމެ އެސައިންމަންޓަކަށް ހޭދަކުރާ ވަގުތު ގާތްގަނޑަކަށް 30 ޕަސެންޓް ދަށްވެ، އެވްރެޖްކޮށް 64 މިނެޓުން 45 މިނެޓަށް ވަނީ މަދުވެފައެވެ.

ނަމަވެސް، ހަމަ އެ ދަރިވަރުން އޭއައިއާ ނުލައި މަހީ އިމްތިހާނުތައް ހެދުމުން، ހަ މަސްދުވަހުގެ ތެރޭގައި އެ ކުދިންގެ ނަތީޖާ ވަނީ 20 ޕަސެންޓް ދަށަށް ގޮސްފައެވެ. މީގެ އިތުރުން، މުހިންމު އެންޓްރެންސް އިމްތިހާނުތަކުގައި ދަރިވަރުން ހޯދި ނަތީޖާ ވެސް ދަށްވެފައިވާއިރު، އޭގެ ފުރިހަމަ އަސަރު ދިގު މުއްދަތެއްގެ ތެރޭގައި ފެނިގެންދާނެކަމަށް ދިރާސާއިން ދައްކައެވެ.

އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން ޖެނުއަރީ މަހު ނެރުނު "ޑިޖިޓަލް އެޑިއުކޭޝަން އައުޓްލުކް 2026" ގައި ވެސް ވަނީ މިފަދަ ނިންމުމަކަށް އައިސްފައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކިޔަވައިދިނުމަށް ފަރުމާކޮށްފައި ނުވާ ނުވަތަ ވަކި އޮނިގަނޑެއްގެ ދަށުން ބޭނުންނުކުރާ ޖެނެރޭޓިވް އޭއައި މޮޑެލްތަކާ މަސައްކަތްތައް ހަވާލުކުރުމުން ނަތީޖާ ރަނގަޅުވި ނަމަވެސް، ހަގީގީ އުނގެނުމެއް ނުލިބެއެވެ. މިކަމާ ގުޅޭގޮތުން ޑްރަގަން ގަސެވިޗް ހިމެނޭހެން ތައްޔާރުކޮށްފައިވާ ދިރާސާއެއްގައި، ސިކުނޑި ބޭނުންކޮށްގެން ކުރާ ފައިދާހުރި މަސައްކަތްތައް މަދުވުމުގެ މި މައްސަލަ ސިފަކޮށްފައިވަނީ "މެޓަކޮގްނިޓިވް ލޭޒިނެސް" ނުވަތަ ސިކުނޑީގެ ކަންނެތްކަމުގެ ގޮތުގައެވެ.

ދަރިވަރުން އޭއައި ބޭނުންކުރާ ގޮތް

ދަރިވަރުން އޭއައި ބޭނުންކުރާ ގޮތަކީ، އެ ބޭނުންކުރުމަށްވުރެ މުހިންމު ކަމެއްކަން މިހާރު ވަނީ ހާމަވެފައެވެ. ވޮޑަފޯން ފައުންޑޭޝަނަށް އިޕްސޮސް އިން ޔޫރަޕްގެ ހަތް ގައުމެއްގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 7،000 ދަރިވަރުން ހިމަނައިގެން ކުރިއަށްގެންދިޔަ ސާވޭއެއްގައި، ސްކޫލުން ބޭރުގައި އަދި މުދައްރިސުންގެ އިރުޝާދާ ނުލައި ކިޔަވާއިރު އޭއައި ބޭނުންކުރާ ގޮތާމެދު ވަނީ ސުވާލުކޮށްފައެވެ.

މި ސާވޭއިން ދައްކާ ގޮތުގައި، އެންމެ ގިނަ ދަރިވަރުން އޭއައި ބޭނުންކުރަނީ މައުލޫމާތު ހޯދުމަށެވެ. އެއީ 56 ޕަސެންޓް ދަރިވަރުންނެވެ. އަދި 45 ޕަސެންޓް ދަރިވަރުން އޭއައި ބޭނުންކުރީ ބަސްތަކާއި މަފްހޫމްތައް އޮޅުންފިލުވުމަށެވެ. ނަމަވެސް، 31 ޕަސެންޓް ދަރިވަރުން ބުނެފައިވަނީ މަސައްކަތްތަކުގެ ފުރިހަމަ ހައްލު ހޯދުމަށް އޭއައި ބޭނުންކުރާ ކަމަށެވެ. އަމިއްލައަށް އުނގެނުމަށް ސީދާ އެހީތެރިވެދޭ ގޮތަށް އޭއައި ބޭނުންކުރާ ދަރިވަރުންގެ އަދަދު މަދެވެ. އުނގެނުމަށް މަގުދައްކައިދޭ އިންޓަރެކްޓިވް ނުވަތަ އެޑެޕްޓިވް ކޮންޓެންޓް ބޭނުންކުރަނީ 29 ޕަސެންޓް ދަރިވަރުންނެވެ. އަދި އަމިއްލަ އުނގެނުމުގެ ޕްލޭންތައް ހެދުމަށާއި ކުރިއެރުން ވަޒަންކުރުމަށް އޭއައި ބޭނުންކުރަނީ އެންމެ 20 ޕަސެންޓް ދަރިވަރުންނެވެ.

ދަރިވަރުންނަށް އޭއައި އަކީ ހަމައެކަނި ސްކޫލް މަސައްކަތް ނިންމުމަށް ބޭނުންކުރާ ވަސީލަތަކަށްވުރެ ފުޅާ އެއްޗަކަށް އަންނަނީ ވަމުންނެވެ. ވަގުތުން އެހީތެރިކަން ހޯދުމުން ފެށިގެން، ވާހަކަދައްކާނެ ފަރާތެއް ހޯދުމާ ހަމައަށް ދަރިވަރުންގެ އާންމު ދިރިއުޅުމުގެ ބޮޑު ބަޔަކަށް އޭއައި ވަނީ ވެފައެވެ. އިނގިރޭސިވިލާތުގެ 1،054 ފުލްޓައިމް އަންޑަގްރެޖުއޭޓް ދަރިވަރުން ހިމަނައިގެން ހެދި "އެޗްއީޕީއައި/ކޯޓެކްސްޓް ސްޓޫޑެންޓް ޖެނެރޭޓިވް އޭއައި ސާވޭ 2026" އިން ދައްކާ ގޮތުގައި، 49 ޕަސެންޓް ދަރިވަރުން ގަބޫލުކުރާ ގޮތުގައި އޭއައިގެ ސަބަބުން ދަރިވަރުންގެ ތަޖުރިބާ ވަނީ ރަނގަޅުވެފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ ކުދިން ފާހަގަކުރީ ވަގުތު ސަލާމަތްވުމާއި، ރަނގަޅަށް ފަހުމްވުމާއި، ވަގުތުން ލިބޭ އަމިއްލަ އެހީތެރިކަމެވެ.

އޭއައިގެ އަސަރުތައް ކިޔެވުމުގެ ބޭރަށް ވެސް ފޯރައެވެ. ފުރަތަމަ ފަހަރަށް މި ސާވޭގައި އެކަނިވެރިކަމާ ގުޅޭގޮތުން ސުވާލުކޮށްފައިވާއިރު، ގިނަ ދަރިވަރުން ނުވަތަ 59 ޕަސެންޓް ކުދިން ބުނެފައިވަނީ އޭއައިގެ ސަބަބުން އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ބާކީ ތިބި ކުދިންގެ ތެރެއިން 21 ޕަސެންޓް ކުދިންނަށް އެކަނިވެރިކަން ކުޑަވިކަމަށް އިހުސާސްކުރެވުނުއިރު، 20 ޕަސެންޓް ކުދިންނަށް އިހުސާސްކުރެވުނީ އެކަނިވެރިކަން ބޮޑުވި ކަމަށެވެ.