ގަވާޢިދާ ހިލާފަށް ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ބިދޭސީންނާއި، އެމީހުންގެ ފަހަތުގައި ތިބޭ ދިވެހިން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ފުލުހުންގެ ހާއްސަ ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން މިހާރުވެސް 12 ބިދޭސީއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން 9 މީހަކު މިހާރު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކުށްތަކަށް އަރައިގަންނަ ބިދޭސީން ހައްޔަރުކުރުމުން އެމީހުން ސަލާމަތްކުރުމަށް ބައެއް ދިވެހިން އިސްނަގަމުންދެއެވެ. ބިދޭސީން ރާއްޖެ އެތެރެކުރުމަށްފަހު ޒިންމާދާރުކަމެއް ނެތި ދޫކޮށްލާފައި ތިބުމަށްފަހު، ގާނޫނު ތަންފީޒުކުރަން ފެށުމުން އެފަދަ މީހުންގެ ދިފާއުގައި ނުކުތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މިގޮތުން އިހުމާލުވާ ކޮންމެ ބިދޭސީއަކަށް، އެމީހަކު ގެނައި ދިވެހި ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު މިނިސްޓަރު ދެއްވިއެވެ.
މީގެއިތުރުން، ބައެއް ކުދި ފިހާރަތަކުގެ ނިވާފަތްގަނޑުގައި ޑޮލަރު މާރުކުރުމުގެ ވަގު ވިޔަފާރި ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މުސާރަ ދިވެހި ވިޔަފާރިތަކުގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ކޮންމެ ދުވަހަކު ޑޮލަރަށް ބަދަލުކޮށްގެން ރާއްޖެއިން ބޭރަށް ވަގަށް ބޭރުކުރާ ނެޓްވޯކްތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ހަމައެއާއެކު، މުދާ އެތެރެކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޓީޓީ ހަދައިގެން 'ޖޮބް ވިޔަފާރި' ފަދަ ނާޖާއިޒު ފައިދާ ނަގާ މައްސަލަތައްވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ކަޅު ބާޒާރުގެ ސަބަބުން ރަސްމީ ބޭންކިން ނިޒާމަށް ބޭރު ފައިސާ ނުވަދެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށާއި މުދަލުގެ އަގުތަކަށް ދަނީ ކުރަމުންނެވެ. ސަރުކާރުގެ ވިސްނުމަކީ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، މިފަދަ ވަގު ވިޔަފާރިތައް ހުއްޓުވައި، އާންމު ރައްޔިތުންނަށް ރަސްމީ އަގުގައި ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
