ހުޅުމާލޭގައި މިއަދު ބިންގާ އެޅި "ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ" މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ބިންގާ އަޅާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހުޅުމާލޭގައި މިސްކިތަކާއި އިސްލާމީ ހަޟާރަތާބެހޭ މަރުކަޒެއް ގާއިމުކުރުމަކީ މީގެ 20 އަހަރު ކުރިންވެސް ހުޅުމާލޭގެ ތަސައްވުރުގެ ތެރޭގައި ހިމެނުނު ކަމެއް ކަމަށެވެ. އެންމެ ފުރަތަމަ މި މިސްކިތް ހަދަން ނިންމީ ސެންޓްރަލް ޕާކު ސަރަހައްދުގައި ކަމަށާއި، ނަމަވެސް ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް އެކަން ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ.

ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ މިސްކިތެއްގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެ، މިއަދު އެކަން ހަގީގަތަކަށް ހައްދަވައިދެއްވީ އެމަނިކުފާނު މިކަމަށް ދެއްވި ހާއްސަ އިސްކަމެއްގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މާތްﷲގެ ތަނަވަސް ރަހުމަތާއެކުގައި ދެ އަހަރު ދުވަހުގެ ތެރޭގައި، ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި މިސްކިތުގެ ބައި ނިންމުން. މިސްކިތާއެކުގައި އަދި ވަގުފް މަޝްރޫއުތަކެއްވެސް އެބަހުރި. އެހެންނަމަވެސް އެކަމުގައި ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ހުރުމާއެކު އެބައި އަޅުގަނޑުމެން ވަކިން ކުރިއަށްގެންދަނީ. އިރާދަކުރެއްވިއްޔާ މިސްކިތުގެ ބައި އަވަހަށް ފަށައި، އަވަހަށް ނިންމުމަށް އަޅުގަނޑުމެން މިދަނީ އަޒުމާއެކުގައި މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތާއެކު ގާއިމުކުރާ އިސްލާމީ ހަޟާރަތާބެހޭ މަރުކަޒުގައި ރާއްޖެ އިސްލާމްވި ގޮތާއި، ފާއިތުވި 900 އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ހަޟާރަތް ކުރިއަރައިގެން ދިޔަ ގޮތް ފެންނަން ހުންނާނެ ކަމަށެވެ. އަދި މިއީ ގައުމީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި، މި މަޝްރޫއަށް އެޗްޑީސީންނާއި ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްވާ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓާ" ގެ ގޮތުގައި ތަރައްގީކުރާ މި ބިނާއަކީ އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ތަނެކެވެ. މިއީ އިސްލާމީ ތައުލީމާއި ސަގާފަތް އާލާކުރުމަށްޓަކައި ގިނަ ވަސީލަތްތަކަކާއެކު ފަރުމާކޮށްފައިވާ ތަނެކެވެ.

އެގޮތުން އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކުގެ އިތުރުން، އިސްލާމީ ކުތުބުހާނާއަކާއި، ކަލްޗަރަލް ސެންޓަރެއް އަދި ކީރިތި ގުރުއާނާ ގުޅޭ ތާރީހީ މައުލޫމާތުތައް ހިމެނޭ ގުރުއާން ދާރުލްއާސާރެއް މިތަނުގައި ހުންނާނެއެވެ. މީގެއިތުރުން އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް ހާއްސަ އެގްޒިބިޝަން ހޯލަކާއި، މަލްޓިޕާޕަސް ކޮމިއުނިޓީ ހޯލަކާއި، ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ސަރަހައްދަކާއި، އިސްލާމީ ފޮތް ފިހާރައެއްގެ އިތުރުން ހަދިޔާ ސާމާނު ވިއްކާ ފިހާރައެއްވެސް މި މަރުކަޒުގައި ހިމެނޭނެއެވެ.