ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ނިންމާ، މުބާރާތުގެ ފަހުރުވެރި ރަން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ދީފިއެވެ.
އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ބޭއްވި މި އަހަރުގެ މުބާރާތުގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި އޮޑިޝަން ބާއްވާފައިވެއެވެ. އަދި ޖުމްލަ 2،742 ބައިވެރިން އޮޑިޝަންގައި ކިޔަވާފައިވާއިރު މީގެ ތެރެއިން މުބާރާތުގެ ސެމީ ފައިނަލަށް ހޮވިފައިވަނީ 379 ދަރިވަރުންނެވެ.
ހަތް އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ހޯދީ އާޔަން އަހްމަދު އިނާންއެވެ. އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއް ވަނަ އާއިޝަތު ޒީކް ރިޔާޟް ހޯދިއިރު ހާފިޒުންގެ ބައިން އެއް ވަނަ ހޯދީ އިސްމާއީލް އިޒުއާން އިބްރާހީމްއެވެ. މި ރަން ވަނަތަކަށް އިނާމުތައް ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި އަހަރުގެ މުބާރާތުގެ ރަން ވަނަތަކަށް އަގުހުރި ގިނަ އިނާމުތަކެއް ދީފައި ވެ އެވެ. އޭގެ ތެރޭގައި ރައީސް ދެއްވި ޝަރަފުގެ ފިލަ އާއި 100،000ރ. ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ދިން ހާއްސަ ސްކޮލަޝިޕް ހިމެނެ އެވެ.
މީގެ އިތުރުން ވެސް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި ޒަކާތު ހައުސް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީން ހުށަހެޅި 75،000ރ. ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދިން އުމްރާ ދަތުރު ވަނީ ހަވާލުކޮށްފަ އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، މުބާރާތަކީ ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
