ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ހައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙަހައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ ބަޔަކު ތިބުމާއެކު، އަދި ހައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު، ވީހާވެސް ގިނަ ދޮށީ އުމުރުގެ މީހުންނަށް ފަރުޟު ހައްޖު އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ، މައުޟޫއީ ގޮތެއްގައި އުމުރުށާ، ކިޔޫއިން ޖާގަލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި މައުޟޫއީ ގޮތެއްގައި ތަންފީޒުކުރާނެ އުސޫލެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، ޑިސެންބަރު 31، 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ، ޑިސެންބަރު 31، 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ލިބިގެންދާއިރު އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުސަތު ލިބިދެވޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި އުސޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ފަރާތްތައް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 މީހުންނަށް ހައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމަތިނުވާނެކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ހައްޖުވެވޭނެކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ހައްޖު ކިއުގައި ތިބި އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުސަތު ނުގެއްލޭނެހެން އިސްކަންދޭނެކަންވެސް ފާހަގަކުރިއެވެ.

މި އުސޫލުތަކުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް، މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ހައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. މިއާއެކު، ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފާރާތްތައް އަހަރެއްހާ ދުވަހުގެ ލަސަވުމެއް މެދުވެރިވިނަމަވެސް، މިއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަން ހައްޖު ކޯޕަރޭޝަނުން އަދި އިސްލާމިކް މިނިސްޓްރީން ވަނި ފާހަގަކޮށްފައެވެ.

މިއީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން އެންމެ އިންސަފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ އިތުރުން، ހައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ އުމުރުފުރާތަކަށްވެސް ފުރުސަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހުވާނެ އަދި، މިކަމުގެ ފައިދާ އާންމު ގޮތެއްގައި ކިޔޫގައި ތިބި ހުރިހާ ފަރާތްތަކަށްވެސް ލިބޭނެ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެެ.