ދިވެހިރާއްޖޭގައި ކުރިއަށް އޮތް ގަރުނަށް ދީނީ ޝިއާރުތައް އާލާކޮށް ދަމަހައްޓާނެ ހަރުދަނާ ޖީލެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ޒުވާން ހަތީބުންނަށް ހާއްސަކޮށްގެން ބޭއްވި ގައުމީ މަހާސިންތާގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ވޭތުވެދިޔަ 900 އަހަރު ދިވެހިން އިސްލާމްދީނުގައި ސާބިތުވެ ތިބީ ޖީލަކަށް ފަހު ޖީލެއް ދީނީ ކަންކަމުގައި ދެއްކި ނަމޫނާއިން ކަމަށާއި، މިހާރު ތަމްރީނުވަމުންދާ ޒުވާން ހަތީބުންނަކީ ކުރިއަށް އޮތް މުސްތަގުބަލުގައި މި ވާޖިބު އަދާކުރާނެ މުހިންމު ބަޔަކަށް ވާނެ ކަމަށެވެ.

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ 2026 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޒަމާނީ ތައުލީމާއި އިސްލާމީ އިލްމު ހާސިލުކޮށްގެން ނުކުންނަ މި ޒުވާން ޖީލުގެ މުސްތަގުބަލު އުޖާލާވާނެ ކަމުގެ ޔަގީންކަން ފާޅުކުރައްވަމުން، މިހާރު ލިބިފައިވާ ހުއްދައަކީ ފެށުމެއް ކަމުގައި ބަލައި، އިތުރަށް އިލްމު އުނގެނުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ. އަދި ދީނީ ކަންކަމުގައި ބަސްބުނުމުގެ ކުރިން ފުރިހަމައަށް ކަންކަން ދަސްކުރުމަށާއި، މީސްމީޑިއާގެ ތެރެއިން ފެތުރޭ ހަރުކަށި ފިކުރުތަކުން އެއްކިބާވެ، އިލްމުވެރިންނަށް އިޙްތިރާމް އަދާކުރުމަށް ގޮވާލެއްވިއެވެ.

މީގެއިތުރުން، އިމާމުވެ ނަމާދުކުރުމުގައި ޖަމާއަތުގެ މަސްލަހަތަށް އިސްކަންދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކިތަންމެ ރީތިކޮށް ގުރުއާން ކިޔަވަން އެނގުނު ނަމަވެސް ބޮޑެތި ޖަމާއަތްތަކުގައި ނަމާދު ކުރުކޮށްލުމަކީ ރިވެތި ސުންނަތެއް ކަމަށެވެ. އަދި ފިގުހީ ފަރައީ ހިލާފުތަކުގެ ތެރެއަށް ވަދެ ޖަދަލުނުކޮށް، ދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ރަށްރަށުގައި އަމަލުކުރާ އުޞޫލުތަކަށް އިޙްތިރާމްކޮށްގެން އިމާމުކަން ކުރުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ 2026 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މުޖުތަމައުގައި ދީނީ ޝިއާރުތައް ފާޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި، ކޮންމެ ކަމެއްގައިވެސް ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތަށް އިސްކަންދިނުމަށް އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދެއްވަމުންނެވެ.