ސައުދީ އަރަބިއްޔާގެ ބައެއް ސިޓީތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެ ގައުމުގެ ސިވިލް ޑިފެންސުން އިންޒާރު ނެރުނު ނަމަވެސް، މައްކާގައި ތިބި އެންމެހައި ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިވަގުތު މައްކާގައި ތިބި އެންމެހައި ދިވެހި އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ޝަހީމް މިފަސައިން ވިދާޅުވެފައި މި ވަނީ ސައުދީ އަރަބިއްޔާގެ ހުޅަނގުގައިވާ މުހިންމު ސިޓީތައް ކަމަށްވާ މައްކާ، ޖިއްދާ އަދި ތާއިފަށް "ނުރައްކަލެއް ކުރިމަތިވެދާނެ" ކަމަށް ބުނެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސައުދީ ސިވިލް ޑިފެންސުން އިންޒާރެއް ނެރެފައި ވަނިކޮށެވެ.

މި އިންޒާރާ ގުޅިގެން ސިވިލް ޑިފެންސުން ވަނީ އާންމުން ހަމަޖެހިގެން ތިބުމަށާއި، ވީ އެންމެ އަވަހަކަށް ރައްކާތެރި ހިޔާވަހިކަމެއް ހޯދުމަށް އަންގައިފައެވެ. އެގޮތުން އިމާރާތްތަކުގެ އެތެރޭގެ ކޮޓަރިތަކުގައި މަޑުކުރުމަށާއި، ކުޑަދޮރުތަކާއި ބެލްކަނީ އަދި ފުރާޅުތައް ފަދަ ހާމައަށް ހުންނަ ތަންތަނާ ދުރުހެލިވުމަށް އިރުޝާދު ދިނެވެ. އަދި ދުއްވާ އެއްޗެހީގައި ތިބޭ ފަރާތްތަކުން ފާލަންތަކާއި އުސް އިމާރާތްތަކާ ދުރު ސަރަހައްދުތަކުގައި އުޅަނދުތައް މަޑުކުރުމަށް ވެސް އެދިފައިވެއެވެ.

މިފަދަ އިންޒާރެއް ނެރެފައި މިވަނީ ސައޫދީ އަރަބިއްޔާ އާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައޫދީގެ އެކި ސިޓީތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލައިފައެވެ. އަދި ސައޫދީ ސިފައިން ވެސް ވަނީ މީގެ ރައްދުގައި ޔަމަންގައި ހުރި ހޫތީންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ނަމަވެސް، މި އިންޒާރުތަކަށް ފަހު ސައޫދީ ސިވިލް ޑިފެންސުން ފަހުން ވަނީ މައްކާ ސިޓީއަށް ކުރިމަތިވި ނުރައްކާ މިހާރު ފިލައިގެން ގޮސްފައިވާ ކަމަށް ބުނެ އާ އެލާޓެއް ނެރެފައެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް އަދިވެސް ތަބާވުމަށާއި، ބޭކާރު ގޮތުގައި އެއްވެ ނޫޅުމަށާއި، ފޮޓޯ އަދި ވީޑިއޯ ނެގުމުން ދުރުހެލިވުމަށް ސިވިލް ޑިފެންސުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ 911 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ވެސް އިދާރާތަކުން ވަނީ އެދިފައެވެ.