ދިވެހިރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް، ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމެއް (ޑްރެސް ކޯޑެއް) ފަރުމާކުރުމަށް ދިވެހި ތާރީހާއި ސަގާފަތުގެ ފަންނުވެރިންގެ އެހީތެރިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު ޝަހީމް މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިލްމުވެރިންނާއި ހަތީބުން އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާއިރު މިހާރު އާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިސްރާއި ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކުގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅުތައް ކަމަށެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ހާއްސަކޮށް ފަރުމާކުރެވިއްޖެނަމަ އެއީ ވަރަށް ރަނގަޅު އަދި މުހިންމު ކަމަކަށް ވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދިވެހިވަންތަ މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ރާއްޖޭގެ ތާރީހާއި ސަގާފަތުގެ ދާއިރާގެ ފަންނުވެރިން އެހީތެރިކަން ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި މިގޮތަށް ފަރުމާކުރެވޭ ފޭރާންކޮޅަކަށް އިސްލާމިކް މިނިސްޓްރީން ފުރިހަމައަށް ތާއީދުކުރާނެ ކަމަށާއި، މިފަދަ ފަރުމާއެއް އެކުލަވާލުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލުމަށް ވެސް ވިސްނަވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިމާމުން އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅުވެސް ހިމެނޭހެން ވަކި ހާއްސަ ޑްރެސް ކޯޑެއް އޮތުމަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތާއި ގައުމީވަންތަކަން އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް ކަމަށެވެ.