ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކުރި އިއުލާނުގައިވަނީ މިހާރު އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު ސެޕްޓެންބަރު 10 އިން ފެށިގެން ސެޕްޓެންބަރު 24 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާކަމަށެވެ.

މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ޖަމްޢިއިއްޔާތަކަށެވެ. އެޕްލިކޭޝަން ހުށަހެޅުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ޖަމްިއްޔާގެ ރަޖިސްޓްރީ، އަސާސީ ގަވައިދު އަދި ކަނޑައެޅިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ "ކޮންސެޕްޓް ނޯޓް" ހުށަހެޅަންޖެހެއެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވާ ފަރާތްތަކުން 14 ދުވަސްތެރޭގައި ތަފްސީލީ ޕްރޮޕޯސަލް، ބަޖެޓް ތަފްސީލު އަދި މަސްލަހަތު ފުށޫނާރާ ކަމުގެ ބަޔާން ހުށަހެޅަންޖެހެއެވެ.

އެޗްޕީއޭ އިން ބުނީ މާލީ އެހީއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންޖެހެނީ އީމެއިލް މެދުވެރިކޮށްކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯއްދުމަށް އެޗްޕީއޭގެ ނަންބަރު 3024595 އަށް ގުޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

އެޗްޕީއޭ އިން ބުނީ މި އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ރަޖިސްޓާކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބާރުއަޅައި ހަރަކާތްތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

އެގޮތުން އެހީ ދޫކުރުމަށް ކަނޑައެޅިފައިވާ 3 ގިންތިއަކަށްކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

  1. ވަކި މުޖުތަމައަކަށް ނުވަތަ ރަށަކަށް އަމާޒުކުރާ ހަރަކާތްތަކަށް: 75,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދެއް.
  2. ޖުމުލަކޮށް ރާއްޖޭގެ އެންމެންނަށް ފައިދާކުރާނެ މަސައްކަތްތަކަށް: 100,000 ރުފިޔާއާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދެއް.
  3. އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތް ކުރުމަށް: 300,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދެއް.

އެޗްޕީއޭ އިން ބުނީ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލައްވާ 7 މެންބަރުންގެ އެވޯޑިން ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ އޮފިޝަލުން، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިސް މުވައްޒަފެއް، އެޗްޕީއޭއިން ކަނޑައަޅާ ފަރާތެއް އަދި ޕަބްލިކް ހެލްތު ފަންޑު ކޮމިޓީގެ ބޯޑު މެންބަރެއްގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް މުވައްޒަފެކެވެ.