ރާއްޖޭގެ އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، ކުޅުންތެރިންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައެލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ހުށަހެޅި ކަންކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށް ވެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ވަނީ ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިކޮށްގެން ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން އިތުރަށް ފުޅާކުރުމަށްވެސް ނިންމާފައެވެ.

މީގެއިތުރުން، ސްކޫލް ނިޒާމުގެ ތެރެއިން 'ޖެނެރޭޝަނަލް ބޭން' ތަންފީޒުކުރުމާ ގުޅޭ މަސައްކަތްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތުން ކުރިއަށް ގެންދިއުމަށާއި، މި ކެމްޕޭން ވިލަރެސްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކަށައެޅުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

މި ގައުމީ ކެމްޕޭނުގައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނެ ފަރާތެއް ހެލްތު މިނިސްޓްރީން ކަނޑައެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތުގެ ފުރަތަމަ މަރުޙަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ، އަދި މާލޭ ސަރަޙައްދުން ގިނަ ޢަދަދެއްގެ ޖަމުޢިއްޔާތައް ބައިވެރިކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.