ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަންތަނުގެ އެއްބަސްވުން ވަގުތުން ބާތިލުކޮށް (ޓާމިނޭޓްކޮށް) ދައުލަތަށް ނެގުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުހައްމަދު އަމީން ވިދާޅުވީ، "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްގީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" މިހާރު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ، ރާއްޖޭގައި ނުހެދި، "ޑިސްޓްރެސްޑް" ހާލަތުގައި މި ވަގުތު ވެސް 168 ތަނެއް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 61 ފަޅާއި 107 ރަށެވެ. މީގެ ތެރެއިން ބައެއް ތަންތަން ތަރައްގީނުކުރެވި 25 އަހަރު ވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ކުރީގެ ސަރުކާރުތަކުން ފިޔަވަޅު ނޭޅުމުގެ ސަބަބުން ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.
މީގެއިތުރުން، އެކި މަރުހަލާތަކުގައި ކުލި ފަސްކޮށްދީގެން (ލޭންޑް ރެންޓް ޑިފާމަންޓް) ގެއްލިފައިވާ އަދަދު 537 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. މި ތަންތަން އޮޕަރޭޝަނަށް ނުގެނެވި ލަސްވުމުގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ ރައްޔިތުންނާއި ދައުލަތުގެ ހައްގެއް. ވަކި ބައެއްގެ އަތްމަތީގައި ދައުލަތުގެ މިފަދަ މުހިންމު ތަންތަން ނުހަދައި މިހާ ދިގު މުއްދަތެއްގައި ބައިތިއްބާކަށް ދުލެއް ނުކުރެވޭނެ،" އަމީން ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން މަޝްރޫއުތައް 4 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަންތަނުގެ އެއްބަސްވުން ވަގުތުން ބާތިލުކޮށް (ޓާމިނޭޓްކޮށް) ދައުލަތަށް ނަގާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ފަށައި ނުނިމި ހުރި ތަންތަނަށް މަސައްކަތް ނިންމުމަށް އިތުރު ފުރުސަތުތަކާއި ލުއި ގޮތްތަކެއް މި ގަވާއިދުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.
މި މައްސަލައަކީ އެއް ދުވަހުން ހައްލުވާނެ ކަމެއް ނޫން ކަމަށާއި މިއަށް ވަގުތު ނަގާނެ ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމުން ދިގު މުއްދަތުގެ ހައްލެއް ލިބި، ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އަމީން ދެއްވިއެވެ.
