ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 90 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އެބައޮތް ކަމަށާއި، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ބާރަށް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި ރިސޯޓު ހިންގާ ފަރާތްތަކުގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ ގާތްގަނޑަކަށް 94 ޕަސެންޓް އޮޕަރޭޓަރުންނަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް މީރާއަށް ބަރާބަރަށް ޓެކުހާއި ކުލި ދައްކަމުން އަންނަ ފަރާތްތައް ކަމަށެވެ. ނަމަވެސް ވަރަށް މަދު ބަޔަކު މިގޮތަށް އަމަލުނުކުރުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ނުލިބި ހުރުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުލި ނުދައްކާ ތަންތަނުގެ ތެރޭގައި މިހާރު ވެސް އޮޕަރޭޓް ކުރަމުން އަންނަ ބައެއް ރިސޯޓުތަކުގެ އިތުރުން، މިނިސްޓްރީގެ ހުއްދައަކާ ނުލައި އަމިއްލައަށް ބަންދުކޮށްފައިވާ މަދު ތަންތަން ވެސް ހިމެނެއެވެ. އަދި ނުދައްކާ ހުރި ފައިސާގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން ގަވާއިދަށް އަމަލުނުކޮށް ހުރި ބައެއް ފަރާތްތައް ވެސް އެބަތިބި ކަމަށާއި، މިއީ ދިގު މުއްދަތެއްގައި ހިނގާފައިވާ ކަމަކަށް ވާތީ އެއް ދުވަހުން ހައްލު ނުކުރެވުނު ނަމަވެސް، ކެބިނެޓުގެ ނިންމުމާ އެއްގޮތަށް މި ފައިސާ ހޯދުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާކަން ހާމަކުރައްވަމުން އަމީން ވިދާޅުވީ، ގާނޫނަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް މިހާރު ދީފައިވާ މުއްދަތުތަކަށް ބަލައި، އެ މުއްދަތުގައި އަމަލުނުކުރާ ފަރާތްތަކާ މެދު ދެން އަޅަންޖެހޭ ގާނޫނީ އެންމެހައި ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރު މިނިސްޓަރު ދެއްވި އެވެ.
"އެއީ ކޮންމެ ގޮތެއް ވިޔަސް ރިސޯޓެއް އޮޕަރޭޓް ކުރައްވަންޏާ ގާނޫނުގެ ތެރެއިން ދައްކަންޖެހޭ ލޭންޑް ރެންޓް، އަދި ނުދައްކައިފިއްޔާ އަރާ ޖޫރިމަނާ ވެސް ދައްކަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ދައުލަތަށް ލިބެންޖެހޭ މި ބޮޑު އަދަދުގެ ފައިސާ ވީ އެންމެ އަވަހަކަށް އަނބުރާ ހޯދައި، ގާނޫނު ތަންފީޒުކުރުމަށެވެ.
