އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބާއްވާ ތާރީހު އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅަށް އެ ޕާޓީން ބަދަލުކޮށްފިއެވެ.

ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، މި މަހުގެ 19 ގައި ބާއްވަން ތާވަލުކުރި ކޮންގްރެސް ދެން އޮންނާނީ އަންނަ މަހުގެ 1 އިން 3 އަށް މާލޭ ސިޓީ ހޯލުގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ވަހީދު ވިދާޅުވީ، ކޮންގްރެސް ފަސްކުރަން މަޖުބޫރުވީ އެ އިވެންޓް ކުރިއަށް ގެންދާނެ އެކަށީގެންވާ މާލަމެއް ކުރިން ކަނޑައެޅި ތާރީހަށް ލިބޭ ގޮތް ނުވުމުން ކަމަށެވެ. އަދި އިންތިހާބުވެފައިވާ ހާހަކަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ބައްދަލުވުމަކީ ގާނޫނީ ގޮތުން ވެސް ކޮންމެހެން ފުރިހަމަކުރަންޖެހޭ މުހިންމު ރުކުނެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި މި މަހުގެ 20 ވަނަ ދުވަހު އޮންލައިން ރަޖިސްޓްރޭޝަން ހުޅުވާލާއިރު، ބައިވެރިންނަށް ފާސް ދޫކުރަން ފަށާނީ ސެޕްޓެމްބަރު 30 ގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ކޮންގްރެސްގެ މައިގަނޑު ބޭނުމަކީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާޙުކޮށް، ކުރިމަގުގެ ސިޔާސީ މިސްރާބު ކަނޑައެޅުން ކަމަށެވެ. މީގެ އިތުރުން، ކޮންގްރެސްއަށް ވަޑައިގަންނަވާ ޑެލިގޭޓުންގެ ފުރިހަމަ ތަފުސީލު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މިފަހަރުގެ ކޮންގްރެސްގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ފަންޑާއި އެހީތެރިކަން ހޯދައިދިނުމަށް ބާއްވާ ފޯރަމެކެވެ. ޝިފާޒު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް 74 މަޝްރޫއެއް ޕާޓީއާ ހިއްސާކޮށްފައިވާއިރު، ކޮންގްރެސް ފެށުމާ ހަމައަށް އެ އަދަދު 100 އަށް ވުރެ މައްޗަށް އަރާނެއެވެ.