ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ 'ރަސްމާލެ' ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު 716 ހެކްޓަރުގެ ބިން ހިއްކި ރަސްމާލެއަކީ މުޅި ރާއްޖޭގެ ވެސް އެންމެ ބިން ބޮޑު ރަށަށް ވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 18 ޑިސެންބަރު 2023 ގައެވެ. އަދި މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މަޝްރޫއު އިތުރަށް ހަލުވިކުރުމަށްޓަކައި އެމްއޭސީއެލްއާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ މި ބިޔަ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވާ ބިމުގެ މިންވަރަކީ، މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ ވެސް 107 ހެކްޓަރު އިތުރު އަދަދެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށާއި، މި މަޝްރޫއު ނިމިގެންދާއިރު އެ އަމާޒު ފުރިހަމައަށް ހާސިލުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ އެންމެ މުހިންމު ސިޔާސަތަކީ ގެދޮރުވެރިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމެވެ. އެ އަމާޒުގެ ދަށުން ރަސްމާލެ ފަރުމާކުރެވެމުން ދަނީ 65،000 އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭ ގޮތަށެވެ. އަދި ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ދަށުން، މާލޭގެ ރައްޔިތުންނަށް އެ ސަރަހައްދުން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީ ބޮޑު މި ޝަހަރު ތަރައްގީ ކުރަނީ ޒަމާނީ ފެންވަރުގެ ހުރިހާ ހިދުމަތްތަކެއް އެކުލެވޭ 'އީކޯ ސިޓީ' އެއްގެ ގޮތުގައެވެ. އެގޮތުން، ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކާއި، ފުރިހަމަ ޔުޓިލިޓީ ހިދުމަތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އުޅެވޭނެ އިންތިޒާމުތައް ހިމަނައިގެން މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.މި ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ރަސްމާލެ ބިން ހިއްކުން އެއްކޮށް ނިންމައި، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމެވެ.