ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށާއި، އެތަނުގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމާލޭގެ ބިމުން ގާތްގަނޑަކަށް 500 ހެކްޓަރުގައި ހިންގާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅުވައިގެން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެ ސަރަހައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނު ކަމަށެވެ. އަދި ބޭރު ބަޔަކު އެތަނުގައި ވަޒަންވެރިވެ، އެހެން ދީންތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރާއްޖޭގެ ރިސޯޓުތަކަށް އެތައް ލައްކަ ފަތުރުވެރިން އަޔަސް އަދި ގިނަ އަދަދެއްގެ ބިދޭސީން މާލެ ސަރަހައްދުގައި އުޅުނު ނަމަވެސް އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ނުހުންނަ ފަދައިން، ރަސްމާލޭގައި ވެސް ހުންނާނީ މިސްކިތްތަކާއި ދިވެހި ފުލުހުންގެ މަރުކަޒުތައް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެތަނުން އެއްވެސް ބޭރު މީހަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މި މަޝްރޫއުގެ ދަށުން 99 އަހަރަށް ޕްރޮޕަޓީ ދޫކުރާ މައްސަލައިގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 99 އަހަރަށް ބަޔަކު ތަންތަން ގަތް ނަމަވެސް، އެ މުއްދަތު ހަމަވުމުން އެ ޕްރޮޕަޓީތައް އަލުން ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށެވެ. އެހެންކަމުން މުޅި މިލްކިއްޔާތުގެ ފުރިހަމަ ކޮންޓްރޯލް ދެމިއޮންނާނީ ދައުލަތަށް ކަމަށާއި، އޮޓޯއިން މުއްދަތު އާވެގެންދާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މި އިންވެސްޓްމަންޓުގެ ތެރެއިން ހިންގޭ ކޮންމެ މުއާމަލާތަކުން ސަރުކާރަށާއި ދައުލަތަށް ބޮޑެތި މާލީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ފުރަތަމަ ހިއްކިއިރު އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުން ދިމާވި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ތަރައްގީކުރަން ބޭނުންފުޅުވަނީ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އިންވެސްޓްމަންޓުތައް އެތަނަށް ގެނައުމަށްފަހު ކަމަށެވެ. އެގޮތުން އީގަލް ހިލްސްއިން ހިންގާ މަޝްރޫއަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫއުގެ އެއްވެސް ކަމެއް ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ނުހިނގާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބޭނުންވާ ސައްހަ މައުލޫމާތު ސަރުކާރުން އަބަދުވެސް ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
