ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހުށަހެޅުއްވި ކުއްލި މައްސަލަ ރިޔާސަތުން ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ގައުމުގެ އިގުތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، އާންމުންގެ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި މުސާރަ ބޮޑުކުރުމަކީ އާންމުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެެ.

ހަމައެއާއެކު ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައި ނުވާއިރު، އަދި މުސާރަ އެއްހަމަކުރުމާ ގުޅޭ އެތައް ކަންބޮޑުވުމެއް އޮތް ދަނޑިވަޅެއްގައި މަޖިލީހުގެ ރައީސާ، ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމުމަކީ ބޭއިންސާފެއްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގާފައިވާ ދަނޑިވަޅެއްގައި، މާލިއްޔަތު ކޮމިޓީން ހަރަދު ބޮޑުވާގޮތަށް މުސާރަ ބޮޑުކުރަން ނިންމާފައިވާކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ މި އަހަރު މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބަލައިނުގަންނަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި އެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އިނާޔަތަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.