ރަސްމާލެ މަޝްރޫއާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއެކު ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އޭނާއަކީ އިތުބާރު ހުރި ބޭފުޅެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެދޭނެ ކަމަށް ބުނެފައިވާތީ، އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަރުޖަމާނު ވިދާޅުވީ، ޝައިހް އިމްރާނަކީ މިހާރު ދައުލަތުގެ ނުވަތަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަސްމީ މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.
އަދި އޭނާއަކީ މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ވެސް ލިޔެކިޔުންތަކެއް ދައްކަވައި، ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި، އެހެންކަމުން އޭނާއަކީ އިތުބާރު ހުރި ބޭފުޅެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މި މައްސަލައިގައި ސިޔާސީ ޕާޓީއަކުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުށަހަޅައިފިނަމަ، އެކަމާމެދު ސަރުކާރުން ވިސްނާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮންމެ ކަމެއްގައި ވެސް އުސޫލުގެ ތެރެއިން ސަރުކާރާ ބައްދަލުކުރެވޭނެ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްގެ މަންދޫބުންނާއެކު ޝައިހް އިމްރާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިގު މުއްދަތަކަށް ދޫކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.
ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިންގާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ ޕްރޮޖެކްޓާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ އެއްބަޔަކީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
ނަމަވެސް އެއިން ކޮންމެ ތަނެއްގައި ވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައި ވެސް އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓްގެ ބާވަތުން އެ މަސައްކަތް ކުރަންޖެހެނީ އެ ރަށުގައި ގާއިމުވެތިބެގެން ކަމަށްވާނަމަ، ފުލުހުންގެ ހިދުމަތް އެގޮތަށްވެސް ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
