ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ އަމިއްލަ ތެޔޮ ޝެޑެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސިއްހީ ރައްކާތެރިކަމަށްޓަކައި އެ ރަށަށް ވެހޭ ވާރޭފެން ނުނެގުމަށާއި ވާރެއާ ނުތެމުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު އެވެ. ފުލުހުންނާއި، ފަޔާ ފައިޓަރުން އަދި އާންމުން ގުޅިގެން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މެންދުރުގެ ވަގުތުގައެވެ. ނަމަވެސް، އަލިފާންގަނޑު ރޯވުމާއެކު އެ ސަރަހައްދަށް ވަރަށް ބޯކޮށް ދުން އަދި ތެލުގެ އަސަރު ވައިގެ ތެރެއަށް ފެތުރިގެން ގޮސްފައިވެއެވެ.
އެ ރަށުގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ އުތުރުގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާއިރު، މިހާރު ވެހެމުންދާ ވާރޭ ފެނުގައި ނުރައްކާތެރި މާއްދާތައް ހުރުން އެކަށީގެންވއެވެ. އެހެންކަމުން، ރައްޔިތުންގެ ސިއްހަތަށްޓަކައި މިވަގުތު ވާރޭފެން ނުނެގުމަށާއި، ވާރެއިން ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކަމާބެހޭ މުވައްސަސާތަކުން ދަނީ ތަހުގީގުކުރަމުންނެވެ.
