ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 30 އިން 31 ގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ ތައުލީމީ އަދި ދިރާސީ ދާއިރާގެ ކުރިއެރުމަށް ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެކެވެ.
އައިސީއައިއޭ އަކީ 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިއީ އިލްމީ މައުލޫމާތު ބަދަލުކުރުމާއި، އެކި ދާއިރާތަކުން އިލްމީ ބަހުސްތައް ކުރުމުގެ އިތުރުން، ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި އިތުރުކުރުމަށް ފުރުސަތު ހުޅުވާލައިދޭ މުހިންމު ޕްލެޓްފޯމެކެވެ.
ބީއެމްއެލް އިން ބުނީ، ދިރާސާކުރުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދޭ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ އެ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ އަދި ދިރާސާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.
